ކޮވިޑް -19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދިވެހިންގެ ތެރެއިން 69 ދިވެހިން ދޫކޮށްލަން ނިންމާފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން 69 ފަރާތެއް ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ފެސިލިޓީތައް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ، އެ މީހުންނަކީ އެރިޔަދޫ އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓްގައި ތިބި މީހުން ކަމަށެވެ.
މީގެ ކުރިންވެސް ވަރަށް ގިނަ ބަޔަކު ވަނީ ކަރަންޓީންގެ މުއްދަތަށް ފަހު ދޫކޮށްލާފައެވެ.
މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 985 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 31 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ މާލެއިން މި ބައްޔަށް 3 މިހާކު ވަނީ ޕޮޒިޓިވްވެފައެވެ. މާލޭގެ އެލާޓް ސްޓޭޓަސް ރެޑް ލެވެލް ހަތަރަށް މަތިކޮށްފައި ވަނީ އިއްޔެ މާލެއިން މީހަކު ޕޮޒިޓިވްވެ ގައިންގައަށް މިބަލި ފެތުރެމުންދާތީއެވެ.