މިހާރުން ފެށިގެން އިތުރު 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފިއެވެ.

ހެލްތް ޕްރޮޓެކޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން މިދިޔަ މަހުގެ 12 ގައި ރާއްޖޭގައި އާންމު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމާއެކު މަނާވާނެ ކަންކަން:

  • މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލުންމާލެ، ހުޅުމާލެ، ވިލިމާލޭ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން

މާލެ ސިޓީ ލޮކްޑައުން ހާލަތަށް ގެންގޮސްފައި ވާއިރު މި ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ވަނީ ފުލުހުންނާއި ސިފައިންގެ އިތުރުން ސިއްހި ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އަދި އެން.އީ.އޯ.ސީ.ގެ ފާސްލިބިފައިވާ ފަރާތްތަކާއި ފާސްލިބިފައި ވާ މީޑިއާތަކަށް ކަމަށް އެޗްޕިއޭއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހި ކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

މާލެ ލޮކްޑައުން ކުރުމަށް ނިންމާފައި ވަނީީ، މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާތީ، ރައްކާތެރި ކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ މި އެންގުން ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށް އަންގާފައެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް އަންގާފައެވެ.