ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ޕޮލިސީ ޓާސްކް ފޯސްއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުވުމެއް ބާއްވަވައިފިއެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އެންމެން މިވަގުތު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މިހާރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޮންލައިންކޮށް ރައީސް ބައްދަލުވުން ބާއްވަވާފައި ވާއިރު، ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު މާލެއިން ފުރަތަމަ ފަަހަރަށް އިއްޔެ ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި އެހެނިހެން ކަންތައްތައް ފުރިހަމަ ކުރުމަށް އިއްޔެގެ މެންދުރު ފަހުން ފެށިގެން ވަނީ 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުންވެސް ކޮށްފައެވެ.

މާލެއިން ކޮވިޑް ގެ ފުރަތަމަ ކޭސް ފެނި މާލެ ލޮކްޑައުން ކޮށްފައިވުމުން ރައީސް އިއްޔެ ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ހާލަތަކަށް ސަރުކާރު ތައްޔާރަށް އޮޮތް ކަމަށާއި ވަކިން ހާއްސަކޮށް، މާލެތެރެއިން، އެންމެ މީހަކު ވިޔަސް ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށް ބަލައި، ސަރުކާރުން ތައްޔާރުވެގެން ތިބި ކަމަށެވެ.

އޭގެ ފަހުން ރޭ ވަނީ ފުރަތަމަ ޕޮޒިޓިވް ވި މީހާގެ ތުއްތު ދަރިފުޅާއި އާއިލާގެ އެހެން މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 23 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 8 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.