ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު މާލެއިން މީހަކު ޕޮޒިޓިވް ވެފައިވާ އިރު އެކަމާ ގުޅިގެން މާލެ ސިޓީގެ އެލާޓް ސްޓޭޓަސްއަކީ ރެޑް ލެވެލް 4 އަށް މަތިކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މާލޭގައި މިއަދު ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަކީ ރާއްޖެއިން ޕޮޒިޓިވް ވީ މީހަކާ ކޮންޓެކްޓެއް އޮތް މީހެއް ނޫން ކަމަށާއި އަދި ރާއްޖެއިން ބޭރަށް ފަހުގެ ތާރީހެއްގައު ދަތުރުކޮށްފައި ވާ މީހެއް ނޫން ކަމަށެވެ. އަދި މިފަދައިން މާލެއިން މީހަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދުގައި ގައިން ގަޔަށް ކޮވިޑް ފެތުރޭ ކަމަށް ނިންމާ މާލެ ސިޓީގެ އެލާޓް ލެވެލް 4 އެއް (ރެޑް) އަށް މަތިކުރީ ކަމަށެވެ.

މިއަދު މާލެއިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މާލޭގެ ހެންވޭރު ސަރަހައްދުން ގެއެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ހަމައެއާއެކު އައްޑޫ އަތޮލު ހިތަދޫގެ ގެއަކާއި ކ. ކާށިދޫ ވެސް ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ.

މާލެއިން ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓް ވި 65 ފަރާތެއް ދެނެގަނެވި އޭގެ ތެރެއިން 1 ފަރާތަކީ އައްޑޫގައި ހުރި ފަރާތެއް ކަމަށާއި، 64 ފަރާތެއް ހުރީ މާލޭގައެވެ. މީގެ އިތުރުން ކްލޯސް ކޮންޓެކްޓް ވި ފަރާތަތަށް ކޮންޓެކްޓް ވި އިތުރު މީހުން ބެލަމުން ދާއިރު މިހާތަނަށް މާލެއިން އިތުރު 113 ފަރާތަކާއި، ގދ ވާދޫއިން 2 ފަރާތަކާއި އައްޑުން އެކަކާއި ކ. ކާށިދޫން 3 މީހެއް ވަނީ ދެނެގަނެވިފައެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ.

މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައި ވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން ވަނީ މަނާކޮށްފައެވެ.

މިއަދު ފެނުނު ޕޮޒިޓިވް ކޭސްއަކީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި 21 ވަނަ މީހާއެވެ. އަދި 6 ވަނަ ދިވެހި މީހާވެސް މެއެވެ.