ކޮވިޑް-19އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތަށް އައިސްފައިވާ ބަދަލާ އެކު ފުލުހުންގެ އެލާޓް ސްޓޭޓަސް އޮރެންޖް ލެވެލް 2 އަށް މަތިކޮށްފިއެވެ.

މިރޭ ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންއަށް ގެނެސްފަިއވާ މި ހާލަތުގައި ފުލުހުންގެ އެލާޓް ސްޓޭޓަސް އޮރެންޖް ލެވެލް 2 އަށް މަތިކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ފުލުހުންގެ ތެރޭގައި ކޮވިޑް-19 ގެ ކާރިސާއާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތައް އާއިލާ ކައިރިއަށް ގެއަށް ނުފޮނުވުމަށް ނިންމާފައިވާ ކަމަށާއި އެ ފަރާތްތަކަށް ގެއަށް ނުގޮސް ތިބުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިއަދު މާލޭގައި ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން މާލޭގައި މި ބަލި ގައިންގަޔަށް ފެތުރެމުންދާތީ މޭލޭގެ އެލާޓް ސްޓޭޓަސް ރެޑް ލެވެލް 4 އަށް ވަނި މަތިކޮށްފައެވެ. ހަމައެއާއެކު މާލެއިން މ. ޖަރީމާގެ އާއި ހ. ރަތްކުރެދިގެ ހަތަރުވަނަ ފަންގިފިލާ ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ. ހަމައެއާއެކު ސި. ހިތަދޫ، ނޫމަސްވާދީވެސް ވަނީ މޮނިތަރިން ހާލަތަށް ގެންގޮސްފައެވެ. އަދި ކ. ކާށިދޫވެސް ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާ ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ.

މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައި ވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރު ކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން ވަނީ މަނާކޮށްފައެވެ.