100 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ތަންތަނުގައި ހާއްސަ ޑޮކްޓަރަކު ހުންނަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިފަދައިން ނިންމާފައިވަނީ ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުން ދިރިއުޅުމަށް ހާއްސަކުރާ ތަންތަނުގައި ހުންނަން ޖެހޭނެ މިންގަނޑުތައް ބަޔާންކޮށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓް ކޮށްފައިވާ ލިޔުމުގައެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ މި ދަނޑިވަޅުގައި އެކުލަވައިލި މި މިންގަނޑުގައިވާ ގޮތުން، ބިދޭސީން ދިރިއުޅެން ހާއްސަ ތަންތަނުގައި 100 އަށް ވުރެ ގިނަ މީހުން އުޅޭ ނަމަ އެ ތަނަކަށް ހާއްސަ ޑޮކްޓަރަކު ހުންނަން ޖެހެއެވެ. އަދި އެފަދަ ތަނެއްގައި ގައިން ގަޔަށް އަރާ ބައްޔެއް އުޅޭ ނަމަ އެކަން ހެލްތު މިނިސްޓްރީއަށް އެންގުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހަމައެއާއެކު ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނައުމުގެ ހުއްދައަށް އެދޭއިރު، އެ މީހުން ބައިތިއްބާނެ ތަނެއް ރަޖިސްޓާކުރަން ޖެހެ ކަމަށާއި އަދި އެއީ އިމާރާތް ކުރަން އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެން ހަދާފައިވާ ތަނަކަށް ވާން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. ވެންޓިލޭޝަންގެ ބޭނުމަށް ފިޔަވައި، ވާރެއާއި އަވިން ރައްކާވާނެ ގޮތަކަށް ހުންނަން ޖެހޭނެކަމަށް ވެސް އެ މިންގަނޑުގައި ވެއެވެ. އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގައި، ނިދަން ހާއްސަ ސަރަހައްދުގައި އެކަށީގެންވާ ގޮތަކަށް ގުދުރަތީ އަލި ނުވަތަ މަސްނޫއީ އަލި ލިބޭނެ ގޮތަކަށް ހުންނަން ޖެހޭނެ ކަމަށާއި އެކަށީގެންވާ ގޮތަށް ވައި ދައުރުވާނެހެން ކްރޮސް ވެންޓިލޭޓް ކުރަން ޖެހެއެވެ.
ބިދޭސީން ބައިތިއްބާ ތަނަކީ އިމާރާތްކުރާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވާ ނަމަ އިމާރާތްކުރާ ސަރަހައްދުގެ އިން ވަކިކޮށްފައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން، އިމާރާތްކުރާ ތަނާ 1.5 މީޓަރުގެ ދުރުމިނެއްގައި ބިދޭސީން ބައިތިއްބާ ތަނާ ދެމެދު ހުންނަން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި އިމުން ބޭރުގެ ވަށައިގެންވާ ސަރަހައްދަކީ ސާފުތާހިރު ސަރަހައްދަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ނެރުނު މިންގަނޑުގެ ތެރޭގައި އެ ތަންތަނުގައި ހުންނަން ވާނެ ވަކި ބޮޑު މިނަކާއި ޖާގައިގެ ތަނަވަސްކަން ބަޔާން ކޮށްފައިވެއެވެ. މި އުސޫލުގައިވާ ގޮތުން އެ ތަނުގައި ދިރިއުޅެނީ އެކަކު ނަމަ ތަނުގެ ބޮޑުމިނުގައި މަދުވެގެން 3.78 އަކަމީޓަރު، އުސްމިނުގައި 2.8 މީޓަރު އަދި ފުޅާމިނުގައި 1.5 މީޓަރު ބަހައްޓަން ޖެހެއެވެ. ބަންކު ބެޑު ބަހައްޓައި ގިނަވެގެން ދެ މީހުން ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 5.13 އަކަމީޓަރު އަދި އުސްމިނުގައި މަދުވެގެން ތިން މީޓަރު ހުންނަން ޖެހެއެވެ. ސިންގަލް އެނދުގެ ދެ އެނދު ބަހައްޓައި، މަދުވެގެން ދެ މީހަކު ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 6.84 އަކަ މީޓަރު ހުންނަން ޖެހެއެވެ. ބަންކު ބެޑުގެ ދެ އެނދު ބަހައްޓައި، ގިނަ ވެގެން ހަތަރު މީހުން ނިދާ ނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 8.55 މީޓަރު ހުންނަން ޖެހެއެވެ.
އަދި ސިންގަލް އެނދުގެ ދެ އެނދަށް، ދެ މީހުންނަށް ވުރެ އިތުރުވާ ކޮންމެ އެނދަކަށް، މީހަކަށް ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.24 އަކަމީޓަރު ހުންނަން ޖެހޭނެ ކަމަށާއި ސިންގަލް، ޑަބަލް ނުވަތަ ބަންކު ބެޑާއެކު އަމިއްލަ ތަކެތި ބެހެއްޓޭނެ ކަބަޑު ފަދަ އެއްޗެހި ހުންނަން ޖެހެއެވެ.އަދި އެއް އެނދާއި އަނެއް އެނދާ ދެމެދު މީޓަރެއްގެ ދުރުމިން ބަހައްޓަން ވެސް އެ މިންގަނޑުގައި ބުނެއެވެ.
ބިދޭސީން ބައިތިއްބަން ހަމަޖައްސާ ތަންތަނުގައި ފާހާނާ އަށާއި ލޯންޑްރީ އަށް ހާއްސަ ތަންތަން ހުންނަން ޖެހެއެވެ. އެގޮތުން ކޮންމެ 10 މީހަކަށް އެއް ފާހާނާ ބަހައްޓަން ޖެހެއެވެ. ހަމައެއާއެކު އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ ފެންވަރަށް ބޯފެނާއި ފެންވެރުމަށާއި އެއްޗެހި ދޮވުމަށް ބޭނުންކުރާނެ ފެން ހުންނަން ވާނެ ކަމަށާއި އެފަދަ ތަންތަނުގައި ނަރުދަމާގެ ނިޒާމު ގާއިމްކޮށް، ކުނިއަޅާނެެ ޑަސްބިންވެސް ބަހައްޓަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ސޭފްޓީ އާއި ސެކިއުރިޓީ ޔަގީންކޮށްދީ، އެ ތަންތަން މެއިންޓެއިން ކުރުމަކީ ވަޒީފާ ދޭ ފަރާތުން ކަށަވަރު ކުރަންޖެހޭނެ ކަމެއް ކަމަށާއި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އަދި އިމަޖެންސީ ހާލަތުގައި ފަސޭހައިން ސަލާމަތުން ދެވޭނެ ގޮތަށް އެތަން ބަހައްޓަން ވަނީވެސް ބުނެފައެވެ.
އެ ތަންތަނުގެ ވަންނަ ދޮރު ކައިރީގައި، އެ ތަނެއްގައި ތިބޭ ބިދޭސީންނަށް ވަޒީފާ ދިން ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި އެ ތަނެއް ހިންގުމަށް ހުއްދަ ދިން ރިފަރެންސް ނަންބަރާއި އެ ތަނެއް ބެލެހެއްޓުމަށް ހަވާލުވެ ހުންނަ ސުޕަވައިޒަރުގެ ނަމާއި ނަންބަރުގެ އިތުރަށް އެ ތަނަކުން ލިބެން ހުރި ޖާގައިގެ އަދަދާއި އެ ވަގުތަކު ދިރިއުޅޭ މީހުންގެ އަދަދު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ހުންނަން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ބިދޭސީން ބެހއްޓުމށް ހަމަޖައްސާ ތަންތަނުގައި ހުންނަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ގެޒެތް ކުރި މިންގަނޑަށް އަމަލު ކުރާނީ އެ އުސޫލު ގެޒެޓް ކުރާތާ ހަ މަސް ފަހުންނެވެ. އެހެންކަމުން އެ މިންގަނޑަށް އަމަލުކުރާނީ އަންނަ އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ.