ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެގައުމުގައި މަރުވާ ކޮންމެ މީހެއްގެ ހަށިގަނޑުވެސް ނައްތާލާނީ އަންދާ އަޅިއަށް ހަދައިގެން ކަމަށް އަވަށްޓެރި ސްރީލަންކާއިން ކަނޑައަޅައިފިއެވެ.

މުސްލިމުންގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކަކާ ދެކޮޅުވެރިކަމެއް ކުރިމަތިވި ކަމުގައި ވީ ނަމަވެސް ލަންކާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ކޮވިޑް-19ގެ ސަބަބުން މަރުވާ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށް ބުނާ ބުނުމަށް ރިއާޔަތްކޮށް، އެފަދަ ހުރިހާ ފުރުސަތެއް އުވާލުމުގެ މަގުސަދުގައި ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގައި އަމަލުކުރަމުންދާ ގަވައިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފައިވާ ލިޔުމަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓްގެ އިތުރުން މަރުވާ މީހަކީ ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހަކަށް ވާނަމަވެސް، އެމީހާގެ ހަށިގަނޑު އަންދާލަންޖެހެއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތްރާ ވަންނިއަރައްޗީ ވިދާޅުވީ، އިސްވެ ބަޔާންކޮށްފައިވާ 2 ގިންތިއަށް ފެތޭ ކޮންމެ މީހެއްގެ ހަށިގަނޑުވެސް 800-1000 ޑިގްރީ ސެލްސިއަސްއާ ދެމެދު ހޫނު މިނެއްގައި އެންމެ މަދުވެގެން 45-60 މިނެޓް ވަންދެން އަންދަންޖެހޭނެ ކަމަށެވެ. އަދި މިކަންކުރަންޖެހޭނީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފައިވާ ހާއްސަ ތަނެއްގައި ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މައްޔިތާ އަންދާ ނިމުމުން، އެ މަސައްކަތުގައި އުޅުނު މީހުންލައިގެން ތިބި ހެދުމާ، ބޭނުންކުރި ރައްކާތެރި ކަމުގެ އާލާތްތައްވެސް އަންދާލަންޖެހޭ ކަމަށް ސްރީލަންކާއިން ވަނީ ކަނޑައަޅާފައެވެ.

ސްރީލަންކާގެ މުސްލިމު އާބާދީއިން ދަނީ ދުނިޔޭގެ ސިއްހަތުޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މައްޔިތާގެ އެންމެ ފަހުގެ ހައްގުތައް އަދާކުރުމުގެ ފުރުސަތު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތައް ބުނާ ގޮތުގައި އަންދާލުމާ، ވަޅުލުމުގެ ފުރުސަތު އޮވެއެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން 7 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އޭގެ ތެރޭގައި 3 މުސްލިމަކުވެސް ހިމެނެއެވެ. ލަންކާގެ ބިމުއަޑީގެ ފެންފަށަލަ ތަޣައްޔަރުވެދާނެ ކަމަށް ބުނެ، ލަންކާއިންވަނީ މަރުވި މުސްލިމު މީހާ ވަޅުލުމަށް ހުއްދަ ނުދީފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅެއް ތަންފީޒު ކުރަމުންދާ ސްރީލަންކާއިން ވަނީ އޭޕްރިލް 16 ވަނަ ދުވަހުގެ ނިޔަލަށް މުޅި ގައުމު ލޮކްޑައުން ހާލަތަށް ގެނެސްފައެވެ.