ކޮވިޑް-19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލޭގައި 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެކަމަށް އަންދާޒާ ކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އިމްޕީރިއަލް ކޮލެޖުން ފަރުމާ ކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން ކުރި އަންދާޒާއިން ދައްކާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 1403 އަށް އަރާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި 140،258 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށާއި، އައިސީޔޫގައި 7013 މީހުންނަށް ފަރުވާ ދޭންޖެހޭނެއެވެ.
އެޗްޕީއޭއިން ހާމަކުރި އަންދާޒާ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ ކޮމިއުނީޓީ ސްޕްރެޑެއް އައިސްފި ހާލަތެއްގައި އެންމެ ޕީކް ދުވަހަކަށް ވާނީ 47 ވަނަ ދުވަސް ކަމަށެވެ. އެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާނަމަ އެ ދުވަހު މި ބަލި ޖެހޭނީ 7800 މީހުންނަށް ކަމަށާއި ފިޔަވަޅު އަޅާފައިވާނަމަ އެ ދުވަހު ބަލި ޖެހުމުގެ ފުރުސަތު އޮތީ 2000 މީހުންނަށް ކަމަށެވެ. ހަމައެފަދައިން ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފިނަމަ އެ ދުވަހު މި ބަލި ޖެހިގެން 1300 މީހުން އެޑްމިޓް ކުރާނެ ކަމަށާއި ފިޔަވަޅު އަޅާފައިވާނަމަ އެ ދުވަހު ބަލި ޖެހިގެން 300 މީހުން އެޑްމިޓް ކުރާނެ ކަމަށް ވެސް އެ ރިޕޯޓުން ދައްކައެވެ.
މީގެއިތުރުން އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ރާއްޖޭއަށް އަންނަ ފަތުރުވެރިންނާއި މަސައްކަތް ކުރާ ބިދޭސީންނާއެކު ރާއްޖޭގެ އާބާދީއަކީ 687،426 ކަމަށެވެ. އަދި އެ އަދަދުގެ 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އަދި އެ ރިޕޯޓުގައި އަންދާޒާކޮށްފައިވާ އިންކިއުބޭޝަން ޕީރިއަޑަކީ 5 ދުވަހެވެ.