އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މުޅި ގައުމު ލޮކްޑައުން ކޮށްފައި ބޭއްވުމަށް ނިންމާފައިވާއިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ މަދުން ހުރި ސަރަހައްދުތައް ކޮންމެވެސް ވަރަކަށް ހުޅުވާލާ، މިހާރު ހުއްޓާލާފައިވާ ބައެއް މަސައްކަތްތައް ފެށުމަށް ވިސްނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ލޮކްޑައުންގެ އަމުރުގެ މުހުލަތު އިތުރުކުރައްވާ، ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން މިއަދު ހެނދުނު މޯދީ ވިދާޅުވީ، އިންޑިއާގެ ކޮންމެ ސްޓޭޓެއްގެ ކޮންމެ ޑިސްޓްރިކްޓްއެއް ވަކިވަކިން ބަލާ އިވެލުއޭޓް ކުރަމުންދާނެކަމަށާ، މިކަން ކުރާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

'ލިޓްމަސް ޓެސްޓު'ގެ ނަމުގައި ކުރިއަށް ގެންދާ އިވެލުއޭޝަންތައް ނިމޭއިރު ކާމިޔާބު ލިބޭ ސަރަހައްދުތަކަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ނުރައްކާ ކުޑަ ސަރަހައްދުތައް ކަމަށާ، އިތުރު ހަރަކާތްތަކަށް މި ސަރަހައްދުތައް ހުޅުވާލުމުގެ ފުރުސަތު، އެހާ ތަނުން ތަނަވަސްވެގެންދާނެ ކަމަށް މޯދީ ވަނީ ހާމަކުރައްވާފައެވެ.

ފިޔަވަޅުތަކަށް ދޫދިން ކަމުގައި ވީ ނަމަވެސް، ބޭރަށް ނިކުމެ އުޅެވޭނީ ހަރުކަށި އަމުރެއްގެ ދަށުން ކަމަށްވެސް މޯދީ ވަނީ އިންޒާރުކުރައްވާފައެވެ.

އިންޑިއާއިން ކޮވިޑް-19އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ދޫދޭން ރާވާފައިވާ ގޮތުގެ ތަފްސީލު، މާދަމާގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް ޚަބަރު ލިބެއެވެ.