ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އަވަށްޓެރި އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުން އަމުރުގެ މުހުލަތު، އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވީ، އިޖުތިމާއީ ގައިދުރުކަމާ ލޮކްޑައުންގެ ސަބަބުން، އިންޑިއާގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމަކަށް ވި ކަމަށާ، ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކާ އަޅާ ބަލާއިރު އިންޑިއާގެ ހާލަތު ސްޓޭބަލް ކަމަށެވެ.

އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި އަޅާފައިވާ ޕޮލީސް ޗެކްޕޮއިންޓެއް/ފޮޓޯ: ގެޓީ އިމޭޖަޒް

މިއަދު ހެނދުނު ގައުމާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމަ ކުރިއަށްދަނީ ވަރަށް ވަރުގަދަ އަށް ކަމަށާ، ކޮވިޑް-19ގެ ގެއްލުން މިހާވަރަށްވެސް ކުޑަކުރެވިފައިވަނީ އާންމު ރައްޔިތުން ވަމުންދާ ގުރުބާނީގެ ސަބަބުން ކަމަށެވެ.

ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ، ކާބޯތަކެތި ހޯދުމުގައި ދަތިކަން ކުރިމަތިވާ މީހުން އެބަތިބިކަމަށާ، ދަތުރުފަތުރުކޮށް އުޅުމުގައި ހުރަސްތަކާ ކުރިމަތިލާންޖެހިފައި ތިބި މީހުންކަން އުޅޭކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގައި އާންމުން ދިރިއުޅޭ ސަރަހައްދެއް ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ރާޖޭޝް ކުމާރު ސިންހް

ބޮޑުވަޒީރު މޯދީގެ ތަގުރީރު ނިންމަވާލައްވާފައިވަނީ ކޮވިޑް-19ގެ ލޮކްޑައުންއަށް ހުރިހާ އެންމެންވެސް ފާރަވެރިވެ ތިބުމަށް އިލްތިމާސްކުރައްވަމުންނެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 10453 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 358 އަށް ވަނީ އަރާފައެވެ.