އަދުގެ ހަލާތަށް ބަލާއިރު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަކަށް ބޭނުންކުރާ އާލާތްތައް (ޕީޕީއީ) ހުރީ 2 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ވާ ވަރުގެ ސްޓޮކެއް ކަމުގެ އިންޒާރު މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފިއެވެ.
މެލޭޝިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑައިރެކްޓާ ޖެނެރަލް ޑރ ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވީ، އިތުރު ޕީޕީއީ ނުގަނެވިއްޖެ ނަމަ ނުވަތަ ހެޔޮ އެދޭ ފަރާތެއްގެ ކިބައިން އިތުރު ޝިޕްމަންޓެއް ނުލިބިއްޖެނަމަ، މިހާރު ހުރި ޕީޕީއީ ސްޓޮކް، 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅިން ހުސްވާނެ ކަމަށެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޕީޕީއީ ބޭނުންކުރާ މިންވަރު އާންމު ދުވަސްވަރާ އަޅާ ބަލާއިރު 2-10 ގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވާ ޑރ ޢަބްދުﷲ ވަނީ، މިފަދަ އާލާތްތައް ހަދިޔާކޮށްދިނުމަށް ސަރުކާރު ހިއްސާނުވާ ޖަމިއްޔާ (އެންޖީއޯ) ތަކަށްވެސް ގޮވާލައްވާފައެވެ.
ޕީޕީއަކީ ސިއްހީ ހިދުމަތްތެރިން އެ ޚިދުމަތުގައި ސަލާމަތްތެރިކަމުގައި ދެމި ތިބުމަށް ކޮންމެހެން ބޭނުންކުރަންޖެހޭ އާލާތެކެވެ. ނޫންނަމަ އެމީހުންނަށް ބަލީގެ އަސަރުކޮށް، ގައުމަށް އެންމެ ބޭނުންޖެހޭ ހިނދު ސިއްހީ ހިދުމަތްތެރިންވެސް ތިބެންޖެހޭނީ އެނދުމަތިވެފައެވެ. މިކަން ދިގުލާ ދާންވެއްޖެނަމަ ހޮސްޕިޓަލުގައި ފަރުވާދޭނެ ބަޔަކު ނުތިބޭނެކަންވެސް ގަބޫލުކުރަންޖެހެއެވެ.
ކޮވިޑް-19އާއެކު ސިއްހީ މިފަދަ އާލާތްތަކަށް އޮންނަ ޑިމާންޑް އިންތިހާއަށް އިތުރުވަމުންދާއިރު ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށްދިނުމުގައި ކުންފުނިތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
މެލޭޝިއާއިން ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4817 އަށް ވަނީ އަރާފައެވެ. 2464 އެކްޓިވް ކޭހެއް ރެކޯޑްކޮށްފައިވާއިރު 66 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މެލޭޝިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 77 އަށް ވަނީ އަރާފައެވެ.