ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ހުރިހާ ދިވެހިން ގެންނަން ޖެހިއްޖެ ހާލަތުގައި ކަރަންޓިން ފެސިލިތީތައް ގާއިމުކުރުމަށް ރިސޯޓްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ނަމަވެސް ފެސިލިޓީތައް އިތުރުކުރާއިރު އެ ތަންތަނަށް ބޭނުންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުން ލިބުގައި ދަތިތަކެއް ހުރިކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ރިސޯޓްތައް ބޭނުންކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތައް ކަރަންޓީންގައި ބެހެއްޓުމަށް ބޭނުންވާ ވަރަށް ފައިސާވެސް ބަޖެޓް ކުރެވިފައިވާ ކަަމަށެވެ. ނަމަވެސް އެ ފެސިލީޓީތަކަށް ބޭނުންވާ އަދަދަށް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 45 ޕަސެންޓް މަސައްކަތް ކުރަމުން ދަނީ އާންމު ސިއްހީ ހިދުމަތް ދިނުމުގައި ކަމަށާއި ބާކީ 55 ޕަސެންތް ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަމުން ދަނީ ކޮވިޑް-19 ގެ ކަންކަމުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރާއްޖޭގައި މި ވަގުތު 12 ފެސިލީޓީ ހުރި އިރު އެ ތަންތަނުގައި ޖުމްލަ 1140 ކޮޓަރި އެބަ ހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޮންމެ ފަހަރަކުވެސް ރާއްޖެއަށް މީހުން ގެނައުމުގައި އެ ކެޕޭސިޓީއަށް ބަލަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން 1140 ކޮޓަރިއަށް ކަތާވަރަށް މީހުން ގެނެސް ކަރަންޓީން ކުރަމުން ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުންވެސް މިވަގުތު ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އަދި ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ކިޔަވާ ކުދިންވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ވަގުތު ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މުޅި ދުނިޔޭގައި މި ބަލި ފެތުރެމުންދާތި އެހެން ގައުމުތަކުން ޑޮކްޓަރުންނާއި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރީ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެހެން ގައުމުތަކުގެ ހާލަތު ރަނގަޅުވުމުން ރާއްޖެއަށް އެ ގައުމުތަކުން ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.