ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޑިއާއަށް އާސަންދަ ސްކީމްގެ ދަށުން ބޭސް ފަރުވާކުރަން ގޮސް ތިބި މީހުންގެ ތެރެއިން 152 ދިވެހިން މާދަމާގެ ފްލައިޓުން ރާއްޖެއަށް ގެންނަން ނިންމާފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނަ ފްލައިޓުގައި 152 ދިވެހިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިވެހިން ގެންނަނީ އިންޑިއާގެ ބެންގަލޫރުންނާއި ކޮޗިންއިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާދަމާ ރާއްޖެއަށް ގެންނަ ދިވެހިންގެ ތެރޭގައި ހިމެނެނީ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ގޮސްފައިވާ ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެތަނުގައި ތިބި ދިވެހިން ގެނެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކޮންމެހެން އަންނަން ޖެހޭ މީހުން މެނުވީ ނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން މި ދަނަޑިވަޅުގައި އެއާޕޯޓަށް އައުމަށް ވުރެ ބިރުވެރިކަމެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ތިބެވޭ ހާލަތު އޮތް ފަރާތައް ގޭގައި ތިބުމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހި އައިލާތަަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު ޔޫއޭއީގައި ތ9ިބި ދިވެހިންނަށް މިމަހުގެ 17 ވަނަ ދުވަހު ތަކެތި ފޮނުވޭނެ ގޮތްވެސް ވަނީ ހަމަަޖައްސާފައެެވެ.