ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ހާލުގައި އުޅޭ މީހުން ނުވަތަ ރާއްޖެއިން ބޭރުގައި މިވަގުތު އުޅެވޭ ވަރު ނެތް ފަރާތަތަކަށް ފުރުސަތު ދިނުމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ގޮވާލައްވައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކޮންމެހެން އަންނަން ޖެހޭ މީހުން މެނުވީ ނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން މި ދަނަޑިވަޅުގައި އެއާޕޯޓަށް އައުމަށް ވުރެ ބިރުވެރިކަމެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ތިބެވޭ ހާލަތު އޮތް ފަރާތައް ގޭގައި ތިބުމަށް މަބްރޫކް ވިދާޅުވިއެވެ.
އެގޮތުން މާދަމާ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި 152 ދިވެހިން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން އިންޑިއާއިން މާދަމާ ރާއްޖެ ގެނައުމަށް ނިންމާފައިވާ ފަރާތްތަކަކީ އާސަންދައި ސްކީމްގެ ފަރާތުން ރާއްޖެއިން ބޭރަށް ބޭސްކުރަން ގޮސްފައި ތިބި ބަލިމީހުންނާއި ބަލިމީހާގެ އެހީތެރިން ކަމަށެވެ.
ހަމައެއާއެކު ބަންގްލަދޭޝްގައި ތިިބި ދިވެހިން ގެނައުމުގައި އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދިވެސް އެ ގައުމުގައި ތިބި ދިވެހިން ގެނެވޭނެ ދުވަހެއް ސީދާ ބުނަން ނޭނގޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި ރާއްޖެއިން ބޭރުގައި ތިބި އިތުރު ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެކި ގައުމުތަކުގައި ތިބި ދިވެހިން ދިވެހިން ގެންނަ އިރުވެސް ހާލުގައި އުޅޭ މީހުން ގެނައުމުގައި އިސްކަމެއް ދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި 8000 އެއްހާ ދިވެހިން ތިބި ކަމަށާއި އޭގެތެރޭގައި ރެޖިސްޓާ ކޮށްފައިވާ މީހުންނާއި ރެޖިސްޓާ ނުކުރާ މީހުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ އެންމެންނަށް އެއްފަހާރާ އާދެވޭ ގޮތް ހަމަނުޖެހޭތީ އެއީ ދައްކަވަން އުނދަގޫ ވާހަކައެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖެއަށް އަންނަން ބޭނުން ހުރިހާ ފަރާތްތަކެއް އެއްފަހަރާ ގެންނަން ބޭނުންވި ނަމަވެސް މިކަމުގައި ދަތިތަކެއް ހުރިކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހި އައިލާތަަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު ޔޫއޭއީގައި ތ9ިބި ދިވެހިންނަށް މިމަހުގެ 17 ވަނަ ދުވަހު ތަކެތި ފޮނުވޭނެ ގޮތްވެސް ވަނީ ހަމަަޖައްސާފައެެވެ.