ފެނަށް ޖެހުނު 27 ރަށަކަށް މިނިސްޓްރީ އޮފް އެންވާރަމަންޓުން ފެން ފޯރުކޮށްދީފިއެވެ.

އެންވާރަމަންޓް މިނިސްޓްރީގެ މީޑިއާ އޮފިސަރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޫނު މޫސުމާ ގުޅިގެން ފެނަށް ބޭނުންވާ ރަށްރަށުން އެހީތެރިކަމަށް އެދުމަށް އެ މިނިސްޓްރީން ގާއިމްކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް 48 ރަށަކުން ގުޅާ، އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެހީތެރިކަމަށް އެދުނު 48 ރަށުގެ ތެރެއިން 27 ރަށަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން އެންވާރަމަންޓް މިނިސްޓްރީން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ، ފެނަށް ބޭނުން ވެގެން އެހީތެރިކަމަށް އެދިފައިވާ އަތޮޅުތަކުގެ ތެރޭގައި، ހއ، ހދ، ށ، ނ، ރ، ބ، ޅ، އއ، އދ، ވ، ދ، ތ، ލ އަދި ގދ އަތޮޅު ހިމެނޭ ކަމަށެވެ.

ހޫނު މޫސުމާ ދިމާކޮށް ރަށްރަށުގައި ފެން ހުސްވުމުގެ މައްސަލަ ދިމާވެއެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ހޫނު މޫސުމާ ދިމާކޮށް އެންވާރަމަންޓް މިނިސްޓްރީން ދަނީ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.