ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ އަމުރަށް ލުއި ދެވެން ނެތްކަމަށާ، އެހެނީ ބޯޑަރު ހިއްސާކުރާ އަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އަދި އިތުރުވާން ފެށީ ކަމަށް ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ވިދާޅުވެއްޖެއެވެ.

އިންޑިއާ އަދި ނޭޕާލް ހިއްސާކުރާ ބޯޑަރު މިހާރުވެސް އޮތީ ބަންދުކޮށްފައެވެ.

ޗީފް މިނިސްޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކުރައްވާ، ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ބޮޑުވަޒީރު އޯލީ ވަނީ، އިންޑިއާގެ މަސްރަހު އާންމު ހާލަތަކަށް ރުޖޫއަވުމުން މެނުވީ ނޭޕާލްގައި އިއުލާންކޮށްފައިވާ ފިޔަވަޅުތަކަށް ލުއި ދެވެން ނެތްކަން ސާފުކޮށްދެއްވާފައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އޯލީ ވިދާޅުވީ، ލޮކްޑައުންގެ އަމުރަށް ލުއިދޭން ޖަޒުބާތީ ރޫހެއްގައި ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަދިވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިފައިވާ ކަމަށެވެ.

ނޭޕާލްގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ އަމުރުގެ މުހުލަތު މިމަހުގެ މެދަކާ ހިސާބުގައި ހަމަވާއިރު، މި މުއްދަތު އަދި އިތުރު ކުރާނެ ކަމަށް ނޭޕާލްގެ ލީޑަރުން ވަނީ އިޝާރާތް ކުރައްވާފައެވެ.

ނޭޕާލްގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.