ރާއްޖޭގެ އަތޮޅުތަކުގެ 5 ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ނިންމައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 5 ސަރަހައްދެއްގައި ކޮވިޑަށް ފަރުވާދިނުމުގެ އިންތިޒާމްތައް ހަމަަޖައްސާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުތަކަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި މި ބަލި ފެތުރިއްޖެނަމަ 5 ސަރަހައްދެއްގައި މި ކަމަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަޖައްސަމުން ދާ ކަމަށާއި އެ 5 ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލުގައި އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދުތައް ގާއިމްކުރަން ނިންމާފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
ހޮސްޕިޓަލުތަކުގައި ގާއިމްކުރަން ނިންމާފައިވާ އައިސީޔު އެނދާއި އައިސޮލޭޝަން އެނދުގެ ތަފްސީލް:
- ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު
- ގއ. އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 12 އައިސޮލޭޝަން އެނދު
- ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 23 އައިސޮލޭޝަން އެނދު
- ބ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު
- ށ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު
ހަމައެއާއެކު މި ހޮސްޕޓިަލްތަކުގެ ތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ އާންމުން ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލްތަކެއް ކަމަށާއި އެހެންކަމުން އެ ހޮސްޕިޓަލްތަކުގައި ވަދެ ނުކުމެ ހެދުމަށް ވަކި ސަރަހައްދެއް ވަކި ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ވަދެ ނުކުމެ ހެދުމަށްވެސް ވަކި ދޮރެއް ޞޭނުން ކުރުމަށް ހަމަޖައްސާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މި ބައްޔަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިފައި ވަނީ 20 މީހުންނަށެވެ. އެއީ 5 ދިވެހިންނާއި 15 ބިދޭސީންނެވެ. މި ބަލި ޖެހިފައިވާ ފަސް ދިވެހިންނަކީ ޔޫކޭއިން ރާއްޖެއަށް އައި ހަތަރު ދިވެހިންނާއި ފިލިޕީންސްއިން ރާއްޖެއަށް އައި ދިވެއްސެކެވެ. އޭގެތެރެއިން އެއް ދިވެއްސަކު ރަނގަޅުވެ މިހާރު މި ބަލިން ރަނަގަލުވީ މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.