ކޮވިޑް-19 އާ ގުޅިގެން މި ހާލަތުގައި ވަޒީފާ ގެއްލުމުގެ ބިރު ކުރިމަތިކުރުވުން ހުއްޓުވައި، މާލީ ގޮތުން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތާއި އާންމު ފަރުދުން އަމަލު ކުރަން ޖެހޭގޮތާ މެދު އެ ކޮމިޝަނުން އެކުލަވާލި ގައިޑްލައިން ގައެވެ. އެ ގައިޑްލައިންގައި ބުނާ ގޮތުގައި މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީ ހަމަޖައްސައި ދިނުމާއި އަދި ވަޒީފާއަށް ނުނިކުމެ ތިބޭ ދުވަސްތަކުގައިވެސް ހާއްސަ އިނާޔަތެއް ދިނުންފަދަ މާލީގޮތުން އާއްމު ރައްޔިތުންނަށް ފަހިކޮށްދެވެން ހުރި ކަންކަން ފަހިކޮށްދޭން ވާނެކަމަށެވެ. އަދި މުސާރަ ހިފެހެއްޓުމާ މުސާރަ ކުޑަކުރުމާއި އަދި ވަޒީފާ ގެއްލުމުގެ ބިރު ކުރިމަތިކުރުވުން ހުއްޓުވައި، މާލީ ގޮތުން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ބާރުއަޅަންވާނޭ ކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.
ހަމައެއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންނަށް ލިބިދޭ ބައެއް އިންސާނީ ހައްގުތައް ހަނިކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަޅުތައް އަޅަންވާނީ ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ މިންވަރަށް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އަދި ފިޔަވަޅުތައް އެޅުމުގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ދެވޭ ހާއްސަ ލުއިތަކުގެ އިތުރުން އިތުރު އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެކަމަށް ވެސް އެ ގައިޑްލައިންގައި ވެއެވެ. އެގޮތުން، އާންމު ދިރިއުޅުމަށް ވީހާވެސް ބުރޫ ނާރާނެފަދަ ގޮތަކަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށާއި، ސަރުކާރުގެ ފަރާތުން އަޅާ ފިޔަވަޅުތަކަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަކަށްވާތީ މި ފިޔަވަޅުތަކަށް ރައްޔިތުން ފުރިހަމައަށް ކިޔަމަންވެ ބޯލަނބަންވާނެކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މި ދަނޑިވަޅުގައި އެއްވެސް ތަފާތުކުރުމެއްނެތި ފަސޭހައިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނޭހެން ސިއްހީ ހިދުމަތުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނެކަމަށް ގައިޑްލައިންގައި ބުނެއެވެ. އެގޮތުން، ބަލިވުމުން ބޭސް ކުރެވޭނެ އިންތިޒާމާއި އެކިއެކި ހާއްސަ ތެރަޕީތަކާއި ކައުންސެލިންގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އިތުރުން ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއްދީ ހިދުމަތުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނެ ކަމަށް ބުނެއެވެ. އަދި މިހާލަތުގައި މުޖުތަމައު، ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން އެއްވެސް ފަރުދަކަށް ފަރުވާ ދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް ވެސް ގައިޑްލައިންގައި ބުނެއެވެ.
ސިއްހީ ހިދުމަތުގެ ނިޒާމުގެތެރޭގައި އެމީހަކަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި އެ ހިދުމަތްތައް ވަކިވަކި ފަރުދުން ލިބިގަތުމުގައި އެއްވެސް މީހެއްގެ އިންސާނީ ހައްގަކަށް ބުރޫއަރާފަދަ އަމަލެއް ހިންގައިގެން ނުވާނެކަމަށް ގައިޑްލައިންގެ ބުނެފައިވެއެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށް ސިއްހީ ހިދުމަތްތެރިންގެ ހާލަތު ވަޒަންކޮށް މަސައްކަތުގެ ތެރެއިން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށްވެސް ބުނެއެވެ.
އެޗްއާރުސީއެމުން އާންމުކޮށްފައިވާ ގައިޑްލައިންގައި އިތުރަށް ބުނެފައިވާގޮތުގައި މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ ފަރާތްތަކަކީ މިފަދަ ސިއްހީ ވަބާއެއް ފެތުރެމުންދާ ދަނޑިވަޅުގައި ބަލި ޖެހުމުގެ ނުރައްކާ ބޮޑު ފަރާތްތަކަކަށް ވާހިނދު އެ ފަރާތްތަކުގެ މެދުގައި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަަމަށެވެ. އެހެންކަމުން އެ ފަރާތްތަކާމެދު އަމަލުކުރުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލައި އެއަށް އަމަލުކުރަންވާނެ ކަމަށް ބުނެއެވެ. އަދި ދައުލަތުގެ ފަރާތުން އެ ފަދަ ފަރާތްތަކަށް އެކަށީގެންވާ މައުލޫމާތު ހިއްސާކޮށް ރައްކާތެރިކަމުގެ އާލަތްތަކާއި އެހެނިހެން ޒަރޫރީ ސިއްހީ ފަރުވާ ފޯރުކޮށްދޭންވާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.
ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައްޔިތުން ގޭގައި ތިބުމަށް ސަރުކާރުގެ ފަރާތުން ބާރުއަޅާ މިފަދަ ދަނޑިވަޅެއްގައި އެ ގެއެއްގައި ދިރިއުޅޭ ހުރިހާ ފަރުދުން ގޭތެރޭގައި ގިނަވަގުތު އެކުގައި ހޭދަކުރަންޖެހުމަކީ އިޖުތިމާއީ ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާނަމަ ފަސްޖެހުމެއްނެތި ކަމާގުޅުން ހުރި އިދާރާތަކަށް އެފަދަ ކަންކަން ހުށަހެޅުމަށާއި އަދި ގުޅުން ހުރި އިދާރާތަކުން އެފަދަ މައްސަލަތައް އަވަސްމިނެއްގައި ބެލުމަށް އިސްކަންދޭންވާނެ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
އެޗްއާރއެމް އަކީ ކޮންބައެއް! ހަމައެކަނި ހޮރުތެރޭ ފިއްލަވައިގެން އުޅުއްވަނީ! ކީއްވެތޯ މީހުންގެ ވަޒީފާގެއްލިގެން މިޢުޅެނީ؟ ވަޒީފާ އެކަންޏެއް ނޫން. ބޯހިޔާވަހިކަމެއްވެސް ނެތް! މުސާރަ ނުލިބުނީ ކޮވިޑް19 އާއި އެޖެންޑާ19 ޖެހިވީ އެކްސިޑެންތަކުން. ވިޔާފާފާރިވެރިންގެ %70ގެ ހާލަތަކީ ދައުލަތަށް ޓެކްސް ނުދައްކާތިބުން. ޓެކްސް ނިޒާމްގެ ބިލު މިއިންނަނީ ލިބިދާނެ ކަމަށް ކުރިޔަށް އޮތްއަހަރުގެ ރިވެނިއުވެސް ނުދަނެ ތިއްބާ ހިމެނިޖުރިމާނާވެފަ. ވިޔަފާރިވެރިންގެ އެސެޓްގެ ވެލިއު ޓެކްސް ދަރައްޏާ ނުބައްދަލު. މުއައްޒަފުން ހިފަހައްޓައިގެން ތިބިއްޔާމު އިޤްތިސާދަށް އެޅުނު ކޮވިޑް އަދިރިކަން އަލިވާނެ ވަޤުތެއް އެއްވެސް ބަޔަކަށް ނޭގޭ! ހަތިޔާރުގެ ބާރުގެބޭނުންކޮށްގެން މުޅިދުނިޔޭގެ ދެހަލާކުވެސް އެތިބީ މިރާއްޖޭގެ އެހީތެރިކަމަށް އެދި ދެންވިސްނަވާ