ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި، ލިބެން ހުރި ކޮންމެ އެއްޗެއްގެ ބޭނުން ހިފަންވެސް މި ހާލަތުގައި ތައްޔާރުވާން ޖެހޭ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ސެންޓާ ފޮ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ގިނަ ގައުމުތަކެއްގައި ބޭނުން ކުރަމުން އަންނަ އެންޓި-މެލޭރިއާ ޑްރަގެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން އާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ފާޅުކުރި ޝުއޫރަކަށް ރިއާޔަތް ކުރައްވާ ޑރ މުހައްމަދު އަލީ ވިދާޅުވީ، ބަލިމަޑުކަމެއްގައި ހިންގާ ތަހުގީގުތަކަށް ކަނޑައަޅާ ހައިޕޮތެސީސް ތަކަށް ބާރުދޭ ހެކި ލިބޭނީ ފަހުން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ކަމަށެވެ. ބާރުދޭ ހެކި ފަހުން ލިބުނު ކަމުގައި ވީ ނަމަވެސް، ލިބެން ހުރި ހުރިހާ ވަސީލަތަކާއި އާލާތެއް ބޭނުން ކުރަން ތައްޔާރަށް ތިބެން ޖެހޭ ކަމަށްވެސް ޑރ މުހައްމަދު އަލީ ވަނީ އިޝާރާތް ކުރައްވާފައެވެ.

ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވި ބައެއް މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރި ބޭހެއް ކަމަށް ދިވެހި މީޑިއާއަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މެލޭރިއާ ބައްޔަށް ފަރުވާ ކުރުމުގައި މީގެ އެތައް އަހަރެއް ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވާ ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ ބޭހަކަށް ވާއިރު، މި ބޭހުގެ މާކެޓް ކޮންޓްރޯލް ކުރަނީ އިންޑިއާއިންނެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައިވެސް ހަލުވިކަމާއެކު މި ބަލި ފެތުރެމުން ދާ އިންޑިއާއިން ވަނީ މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީ، ބޭރު ގައުމުތަކަށް ބޭސް އެކްސްޕޯޓްކުރުން ހުއްޓާލާފައެވެ. ނަމަވެސް، ރާއްޖެއާއެކު ޖުމްލަ 13 ގައުމަކަށް މި ބޭހުގެ ސަޕްލައި ފޯރުކޮށްދިނުމަށް ނިންމިކަން ފާހަގަ ކުރައްވާ ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޓްވީޓްއެއް ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ހައިޑްރޮކްސިކްލޮރޮކުއިން އާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ތަފާތު ގޮތް ގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ކޮވިޑް-19އަށް ސައްހަ ފަރުވާއެއްގެ ގޮތުގައި ހައިޑްރޮކްސިކްލޮރޮކުއިން ބަލައިގަތްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރަސްމީ ސިފައެއްގައި ރިޕޯޓް ކޮށްފައެއް ނެތެވެ. ކަމާބެހޭ ތަޖުރިބާކާރުން ދަނީ މިކަމާ ގުޅުން ހުރި އިތުރު ދިރާސާތައް ކުރަމުންނެވެ.