ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވަމުންދާ އަވަށްޓެރި އިންޑިއާގައި ކޮމިއުނިޓީ ސްޕްރެޑްއެއް އެބައޮތް ކަމަށް ބުނެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އާންމު ކުރި ރިޕޯޓެއް، އެ ޖަމިއްޔާއިން އިސްލާހުކޮށްފިއެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑްއެއް ނެތްކަމަށް ޑަބްލިއު.އެޗް.އޯއިން މިހާރު ވަނީ ރިޕޯޓް އިސްލާހުކޮށްފައެވެ.
ޑަބްލިއު.އެޗް.އޯއިން ބުނީ ރިޕޯޓްގައި އެފަދަ ކުށެއް އޮތީ އެރި އޮޅުމެއްގެ ސަބަބުން ކަމަށާ، އެ މައްސަލަ މިހާރު ހައްލު ކޮށްފައި ވާކަމަށެވެ. އެގޮތުން އިންޑިއާގައި ކޮމިއުނިޓީ ސްޕްރެޑް ނޫޅޭ ކަމަށާ، އިންޑިއާގައި އޮތީ ކްލަސްޓާ ކޭސްތަކެއް ކަމަށް ޑަބްލިއު.އެޗް.އޯއިން އިސްލާހު ކުރި ރިޕޯޓްގައި ބުނެފައިވެއެވެ.
އިންޑިއާގައި ކޮމިއުނިޓީ ސްޕްރެޑްގެ ދަރަޖައަށް ކޮވިޑް-19ގެ ކޭސްތައް ނޫޅޭ ކަމަށް އެގައުމުގެ ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިންޑިއާގެ ޔޫނިއަން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާއިން ބުނީ އެގައުމުގައި ކޮމިއުނިޓީ ސްޕްރެޑްއެއް ނުހިނގާ ކަމަށާ، ކޮވިޑް-19އަށް މީހުން އިންފެކްޓްވާ މިންވަރުވެސް ދަށް ކަމަށެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ލާވް އަގަރުވާލް ވިދާޅުވީ، ބުރާސްފަތި ދުވަހުވެސް 16002 އެއް ޓެސްޓުކޮށްފައިވާކަމަށާ އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 320 މީހުން ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އެންމެ 2 ޕަސެންޓް މީހުންކަމަށާ، އެއްކޮށްފައިވާ ސާމްޕަލްތަކަށް ބަލާއިރު އިންފެކްޓްވާ ނިސްބަތްވެސް އުޅެނީ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް އެއް ކަމަށް ބުނަނީ، ޖިއޮގްރަފީ ގޮތުން ވަކި ސަރަހައްދެއްގެ އާބާދީގެ ތެރޭގައި ބަލިފެތުރިގެން ދިއުމަށެވެ. އަދި މިމީހުންނަކީ އެ ބައްޔަށް އިންފެކްޓްވެފައިވާ މީހަކާ ސީދާ ގުޅުމެއް އޮތްކަންވެސް ނޭނގޭ މީހުންނެވެ. ނުވަތަ ބަލިމަޑުކަން ފެތުރިފައިވާ ސަރަހައްދަކަށް ދިޔަ މީހުންނެއްވެސް ނޫނެވެ.
ޑަބްލިއު.އެޗް.އޯއިންވަނީ ކޮވިޑް-19 ފެތުރިގެންދާ ދިއުން 4 ގިންތިއަކަށް ބައިކޮށްފައެވެ. އެއީ އެއްވެސް ގޮތަކަށް ބަލި ނެތް ގިންތި، ސްޕޮރަޑިކް ކޭސް، ކަލަސްޓާ ކޭސް އަދި ކޮމިއުނިޓީ ޓްރާންސްމިޝަންއެވެ.
އިންޑިއާގެ މަސްރަހުން ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8446 އަށް އަރައެވެ. އަދި މި ބަލީގައި 288 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް އިންޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.