ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން އެދިފައި ވަނީ 837 ބިދޭސީން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވަނީ ކޮވިޑް-19ގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19ގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައަށް ދާން ބޭނުންވާ މީހުން ހޯދުމަށް ކުރި އިއުލާނުގައި 837 މީހުން އަނބުރާ އެމީހުންގެ ގައުމަށް ދާން އެދިފައިވާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މި އިއުލާން ކުރިތާ ދެތިން ދުވަސްފަހުން، ރާއްޖެއިން އެއްވެސް މީހަކު އެގައުމަށް ނުދޭވޭނޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ސިވިލް އޭވިއޭޝަނަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެކަން މަޑުޖެހިފައި ވާއިރު، ދާން އެދުނު މީހުންގެ ތެރެއިން ޕާސްޕޯޓާއި ޑޮކިއުމަންޓް ހަމައަށް އޮތީ 130 މީހުން އަތުގައި ކަމަށާއި، ދެން ތިބީ ޕާސްޕޯޓް މުއްދަތު ހަމަވެފައި ނުވަތަ އެއްވެސް ގޮތަކަށް ޕާސްޕޯޓް ނެތް މީހުން ކަމަށް މިނިސްޓާރު ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ އެމްބަސީ މެދުވެރިކޮށް ޑޮކިއުމަންޓް ނެތް މީހުންގެ ޑޮކިއުމަންޓްތައް ހޯދުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ވާހަކަ ދެކެވިގެން އެގައުމުގެ ސަރުކާރުގެ ވެސް އެއްބާރުލުމާއެކު ދާން ތިބި ބިދޭސީން ފޮނުވާލެވޭނެ ގޮތެއް ހަމަޖެއްސުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ވައިގެ ބަނދަރު ހުޅުވުމާއެކު މި މީހުން ފޮނުވާލެވޭ ގޮތެއް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން، އެމްއެންޑީއެފް، ޕޮލިސް، އިމިގްރޭޝަން އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި ވަރަށް ހާލަތު ގޯސްކޮށް ހުރި ގެތައް ނުވަތަ އެކޮމަޑޭޝަންތައް އެކި ދިމަދިމާލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މާލޭގެ އެކަހަލަ ދިމަދިމާލުން މީހުން އެއަށްވުރެ ރަނގަޅު ސާފުތާހިރު ތަންތަނަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގައި ދޮޅުހާސް މީހުންނާ ގާތް ކުރާ މިންވަރަކަށް މީހުން މިހާރު އުޅޭ ތަންތަނަށްވުރެ ރަނގަޅު ތަންތަނަށް ގެންދެވޭނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ބޮޑުމައްސަލައެއް ކަމަށާއި، މިކަން ހައްލު ކުރުމަށް ވަރަށް ބޮޑު ވައުދެއް ވެސް ވެފައިވާ މައްސަލައެއް ކަމަށެވެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު އިއުލާންކުރި މޮރިޓޮރިއަމަކާ އެއްކޮށް، ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެތައް މަސައްކަތްތަކެއް ފެށުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މޮރިޓޭރިއަމް ނެރުނު ފަހުން ބަންގްލަދޭޝުން ރާއްޖެއަށް އަލަށް އައިސްފައި ވަނީ 1362 އަންސްކިލްޑް ކެޓެގަރީގެ މީހުންނާއި، ޕްރޮފެޝަނަލް ކެޓެގޮރީގެ 38 މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ، އޭރު ކުރި މަސައްކަތުގައި ހީކުރިވަރަށްވުރެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ރިސޯސަސްއާ ކެޕޭސިޓީގައި ވެސް މައްސަލަތަކެއް ހުރި ކަމަށާއި، މި މަސައްކަތް ފަސޭހަކޮށް އަވަސް ކުރުމަށްޓަކައި އައިޓީ ރިލޭޓެޑް ބައިވަރު ކަންކަން ވެސް ކުރަންޖެހުނު ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން މިދިޔަ ފެބްރުއަރީމަހު ފަހުކޮޅު މި މަސައްކަތް ހުއްޓާލުމާ ހިސާބަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 40،000 ރަޖިސްޓްރީ ކޮށްފައި ވާއިރު، ބާކީ 20،000 ހާސް ނުވަތަ އެއަށްވުރެ ގިނަ މީހުން ވެސް އުޅެދާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވަނީ ލަފާ ކުރައްވާފައެވެ. އަދި ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި އެއްވެސް ޑޮކިއުމަންޓެއް ނެތް މީހުން ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މާޗް 19އާ ހަމައަށް 6 މަސް ދުވަހުގެ މުއްދަތަށް ރަޖިސްޓްރީ ވާން ހުޅުވާލި ފުރުސަތު ހަމަވެފައިވާއިރު، މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މި މީހުންގެ ފިންގާޕްރިންޓް ފަދަ މައުލޫމާތު ސިސްޓަމް ތެރެއިން ފަސޭހައިން ލިބެން ނެތުން ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން މި މައުލޫމާތު ހޯދައިގެން، ޑޮކިއުމަންޓް ނެތް މީހުންގެ ޑޮކިއުމަންޓް ހެއްދުން މިވަނީ ވަރަށް ބޮޑު ކަމަކަށް ވެފައިވާ އެމްބަސީ މެދުވެރިކޮށް ޑޮކިއުމަންޓް ހެއްދުމުގައި ވަރަށް ގިނަ ދުވަސް އެބަ ނަގާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ރަޖިސްޓްރީވި މީހުން ވަޒީފާތަކަށް ރެގިއުލަރައިޒް ކުރުމުގައި ހުރި ދަތިތަކެއް ކަމަށެވެ.