މާލެހިޔާގެ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ކޮވިޑް-19 އާ ގުޅިގެން މާލެހިޔާގެ ފުރަގަހުގައި ކުރިއަށް ގެންދާ ފްލޫ ކްލިނިކްގެ ހިދުމަތްދޭ ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އެ ކްލިނިކުން ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ހަމައެއާއެކު އެ ކްލިނިކުން ދިވެހިންނަށާއި ބިދޭސީންނަށް ހިދުމަތްދޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ހުންއައިސް ކެއްސާ ނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ހިޔާގެ ފުރަގަހުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަކީ ކުރިން ޓެރެވަލް ކްލިނިކެއްގެ ގޮތުގައި ބޭނުން ކުރި ކްލިނިކެކެވެ. ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ކޮވިޑް-19ގެ އަލާމާތް ފެންނަ ފަރާތްތައް ދެއްކުމަށް ހުޅުވާލި ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގައެވެ. އޭރު ފްލޫ ކްލިނިކުން ހިދުމަތް ދެމުން ގޮސްފައިވަނީ ހެންދުނު 10:00 އިން ރޭގަނޑު 12:00 އަށެވެ. ނަމަވެސް މިހާރު މިވަޏި މި ވަގުތު ކުޑަ ކޮށްފައެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ 23 ފްލޫ ކްލިނިކެއް ގާއިމްކޮށް ހިދުމަތް ދެމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 64 މީހަކު ވަނީ ފްލޫ ކްލިނިކްތަކަށް ދައްކާފައެވެ.