ހިނގަމުން މިދާ 1441 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުކުރުމަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. ރަމަޟާން މަހާ ކުރިމަތިވެގެން އަންނަ ދުވަސްވަރަކީ މާޒީއަށް ބަލާއިރު ދިރިއުޅުމަށް އުޖާލާ ބަދަލުތަކެއް ގެނުވަނިވި ދުވަސްތަކެކެވެ. ނަމަވެސް މިފަހަރު، މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާންޖެހިފައި މިވަނީ މިހާތަނަށް ފަރުވާއެއްވެސް ހޯދިފައި ނުވާ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސާލުގައި މުޅި ދުނިޔެ މޮޅިވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އިން ސަލާމަތްވެ ތިބުމަށްޓަކައި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުން މުހިންމު ކަމަށް ބަޔަކު ވަކާލާތު ކުރަމުންދާއިރު ކުރިމަތީގައި އޮތް ރޯދަ މަހުގެ ރޯދައާއި މެދު ސުވާލު އުފައްދާ ބަޔަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެބައުޅެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމެވެ. އިސްލާމީ ކަލަންޑަރުގެ ނުވަވަނަ މަހަށް ހަނދު ބެލީއްސުރެ އެ މަސް ނިމެންދެން ރޯދަ ހިފަންޖެހެއެވެ. 'ރަމަޟާން' މި ލަފުޒަށް ބަލާލަމާތޯއެވެ. 'ރަމަޟާން' މި ލަފުޒު އައިސްފައިވަނީ އަރަބި ލަފުޒު 'އަލް-ރަމަދު' އިންނެވެ. މީގެ މާނައަކީވެސް ހޫނުކަމާ ހަނަފަސްކަމެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ ކީކޭ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ވީހާވެސް ގިނައެއްކޮށް ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައެވެ. ނަމަވެސް މިއީ ކޮވިޑް-19އިން ދުރުކޮށްދޭނެ ކަމެއް ނޫންކަންވެސް އެ ޖަމިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޖަމާ މިސްކިތުގައި ރޯދަ ވީއްލުމަށް ތައްޔާރުކުރެވިފައި/ފޮޓޯ: އައި.އޭ.އެން.އެސް

ސައިންސްގެ އަލީގައި ބަލާއިރު ރޯދަ ހިފުމަކީ ދުޅަހެޔޮކަންމަތީ ދިގު އުމުރެއް ހޭދަކުރުމުގެ ސިއްރެވެ. ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި އާންމުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އާދަޔާ ހިލާފަށް ފަލަވުމާ، ހަކުރުބައްޔާ، ހިތުގެ ބަލިތަކާ، ކެންސަރު ބަލިތަކާ، ނާރުގެ ބަލިތަކުންވެސް ދުރުކޮށްދޭ ކަމެކެވެ.

ދީނީ އިމާމުންގެ ރައުޔަކީ ކޮބާ؟

ދުބާއީގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީޒް ގެ އިސް މުފްތީ ޑރ އަލީ އަހުމަދު މަޝާއީލު ވިދާޅުވީ، ރަމަޟާން މަހުގެ ރޯދައަކީ އިސްލާމް ދީނުގެ 4 ވަނަ ތަނބަށްވާއިރު، އެ ރުކުން އަދާކުރުމުން އިސްތިސްނާވާނެ މީހަކު ނެތްކަމަށެވެ. ނަމަވެސް ބަލި ހާލތު ހުރު ގޮތުން ބޭސްފަރުވާ ކުރަންޖެހޭ މީހުންނާ، ރޯދައަށް ހުރުމުގެ ސަބަބުން ސިއްހީ ނުރައްކަލެއް އޮތް މީހަކަށް އުޒުރު އެބައޮތްކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ޑރ މަޝާއީލު ވިދާޅުވީ އިސްލާމު ދީނުގެ ރުކުންތައް އަދާކުރުމުން މީހަކު ދުރުކުރާނެ އިތުރު ކަމެއް ނޯންނާނެކަމަށެވެ. ބަލިވެދާނެތީ ބިރުން ރޯދައަށް ނުހުރުމުގެ ފުރުސަތު ނެތްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން މުފްތީ ޑރ މަޝާއީލު ވަނީ ރޯދަ ހިފުމަކީ ނަފްސާ ރޫޙު ތާޒާކުރުމަށް ލިބޭ ފުރުސަތެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ރޯދަ ހިފުމަކީ ސިއްހަތަށް ފައިދާ ހުރިކަމެއްކަން ސައެންސްގެ ހޯދުންތަކުގެ އަލީގައި ފެންނަން އެބައޮތްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް އިޝާރާތް ކުރައްވަމުން ޑރ މަޝާއީލު ވިދާޅުވީ، އެމީހެއްގެ ހާލު ކުރިޓިކަލް ނަމަ، ޑޮކްޓަރެއްގެ އިރުޝާދަށް ބަލާ، ރޯދަ ނުހިފާ ދޫކޮށްލެވިދާނެކަމާށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށްފަހު ބައްދަލުކުރި ފިތުރު އީދު ދުވަހުގެ އީދު ނަމާދުގައި ބައިވެރިވި ސޫދާންގެ މުސްލިމުން/ފޮޓޯ: އޭއެފްޕީ

އަލް އަޒްހަރު އަލް ޝަރީފުގެ ރައުޔަކީ ކޮބާ؟

އިސްލާމީ އުއްމަތުގެ ސުންނީ ޖަމާއަތުން ދީނީ ކަންކަމުގައި ގޮތް ނިންމުމުގައި އެންމެ ހާއްސަ ގަދަރެއްދޭ އެންމެ އިސް އެއް މުއައްސަސާއަކީ އަލް އަޒްހަރު އަލް ޝަރީފްއެވެ. އަލް އަޒްހަރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުސްލިމުން މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަންޖެހޭނެ ކަމަށެވެ. އަދި ރޯދައަށް ހުރުމަކީ، ކޮވިޑް-19އަށް މަގުފަހިކުރާނެ ކަމެއް ކަމަށް ބުނެ އެކަމާ ގުޅުވެން ނެތް ކަމަށްވެސް އަލް އަޒްހަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަލް އަޒްހަރުން ބުނީ އެ އިދާރާގެ ފަތުވާ އާންމުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން އާންމުކޮށްފައިވާ އިރުޝާދަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގިނައިން ފެން ބުއިމަށާ، ފެނުން ކަރުތެރެ ދޮވުމަށް ޑަބްލިއު.އެޗް.އޯއިން އިރުޝާދު ދީފައިވާއިރު އެއީ ކޮވިޑް-19އިން ދުރުކޮށްދޭނެ ކަމެއްތޯ އެ ޖަމިއްޔާއާއި އަލް އަޒްހަރުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް ޑަބްލިއު.އެޗް.އޯގެ އިރުޝާދަކީ ކޮވިޑް-19އިން ސައްތަ އިންސައްތަ ދިފާއު ލިބޭނެ ކަމެއް ނޫންކަން ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މިއީ ރޯދަ ދޫކޮށްލަން އޮތް އުޒުރެއް ކަމަށް ބުނެވޭ ކަށް ނެތެވެ.

މާތްﷲ ޞުބުޙާނަހޫ ވަތާޢާލާ އަޅަމެންގެ މައްޗައް ކަމެއް ފަރުޟުކުރައްވައިފިނަމަ އެކަމެއްގައި ޙިކްމަތެއް ލައްވައެވެ. ހުރިހާ އަޅުކަމެއްގައި ޙިކްމަތެއް ލެއްވިފަދައިން ރޯދައިގައި ވެސް ވަރަށް މަތިވެރި ޙިކްމަތެއް ލެއްވިއެވެ. ކަނޑައެޅިގެން ރޯދައަށް އިންކާރު ކޮށްފި މީހަކު ދީނުން ބޭރުވާނެއެވެ.