ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވަމުންދާ އަވަށްޓެރި އިންޑިއާގައި ގައުމީ ފެންވަރެއްގައި މިހާރު ތަންފީޒުކުރަމުން ލޮކްޑައުން އަމުރުގެ މުހުލަތު ހަމަވުމަށްފަހުވެސް އެ އަމަރު ދެމެހެއްޓުމަށް ބައެއް ސަރަހައްދުތަކުން ނިންމައިފިއެވެ.

އިންޑިއާގެ ވެރިކުރަންކުރާ ނިއުދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދް ކެޖްރިވާލް ވިދާޅުވީ، ލޮކްޑައުން އަމުރުގެ މުހުލަތު މިމަހުގެ 14 ވަނަ ދުވަހަށް ވުރެވެސް އިތުރު ކުރުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ރުހުން ދެއްވާފައިވާކަމަށެވެ.

މޯދީވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ، އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާ މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓްއެއްގައި ކެޖްރިވާލް ވިދާޅުވީ، އިންޑިއާ މިއަދު އޮތް ހާލަތުގައި އޮތީވެސް ދުރާލާ ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަން ފެށުމުން ކަމަށާ، މިކަމަށް ދޫދީފިނަމަ ކަންތައްތައް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ލޮކްޑައުންގެ މުހުލަތު އިތުރުކުރުމަށް ނިންމާފައެވެ. އެގޮތުން، ޕަންޖާބު، އޮރިއްސާ އަދި މަހާރާޝްތްރާއިންވަނީ މިމަހުގެ 30ގެ ނިޔަލަށް ލޮކްޑައުންގެ މުހުލަތު އިތުރުކުރުމަށް ނިންމާފައެވެ.

އިންޑިއާގެ މަސްރަހުން ލިބެމުންދާ އިތުރު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19އާ ދެކޮޅަށް އެގައުމުން ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނަށް މި ވައިރަހުގެ އަސަރު ކުރަމުންދާ މިންވަރު އިތުރުވާކަން ފާހަގަކުރެވެއެވެ. އެގޮތުން މުމްބާއީގައިވެސް ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން މިވަގުތު އެކަހެރިކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ ހަށިރައްކަލުގެ އާލާތްތައް (ޕީޕީއީ)، އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމުގެ ޝަކުވާވެސް އިންޑިއާގެ މަސްރަހުން އަންނަނީ ފެންމަތިވަމުންނެވެ.

1.3 ބިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮތް އިންޑިއާގައި އެކަށީގެންވާ މިންވަރަކަށް ކޮވިޑް-19އަށް ޓެސްޓު ކުރަމުން ނުދާކަމުގެ މައްސަލައަކީ މިހާރުވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އިންޑިއާގެ ސިއްހީ ތަޖުރިބާކާރުންވެސް ދަނީ މި ޝަކުވާ އުފުލަމުންނެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އިންޑިއާ އަކީ، އާބާދީގެ ނިސްބަތުން އެންމެ މަދުން ކޮވިޑް-19އަށް ޓެސްޓުކުރާ ގައުމެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، މިއަދު އެކަނިވެސް 463 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8063 އަށް ވަނީ އަރާފައެވެ. 7040 އެކްޓިވް ކޭސް އިންޑިއާގައި އުޅޭއިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު 249 އަށް ވަނީ އަރާފައެވެ.