ބޮޑެތި ބަލިތަކުގައިވެސް ބޭނުންކުރާ އަސާސީ ބޭސް ހިމެނޭ ގޮތަށް ރާއްޖެއަށް ބޭހުގެ ޝިޕްމަންޓެއް ފުރުވާލާފައިވާކަމަށް، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓްއެއްގައި ބުނެފައިވަނީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން އޯޑަރުކުރިތާ 14 ގަޑިއިރުގެ ތެރޭގައި، ޓުޓިކޮރިން ބަނދަރުން ބޯޓަށް ބޭސް ބަރުކޮށް، ރާއްޖެ ފުރުވާލާފައިވާކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ފުރުވާލި ބޭސް ޝިޕްމަންޓްގައި ހައިޑްރޯކޯޓިޒޯން ޑޯޒްވެސް އެކުލެވޭނެ ކަމަށް ހައިކޮމިޝަނުން މައުލޫމާތު ދެއެވެ. މި ބޭހަކީ ހަމާ، ބަނޑުގެ ބަލިތަކުގެ އިތުރުން ކިޑްނީއާއި ކެންސަރު ބަލީގެ ފަރުވާގައިވެސް ބޭނުންކުރާ ބޭހެކެވެ.

މިދަނޑިވަޅަކީ ކޮވިޑް-19ގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުން ހާލަތަށް ގެނެސްފައިވާ ވަގުތަކަށްވީ ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެސްޓީއޯގެ އޯޑަރަށް ކުންފުނިތަކުން ފޯރުކޮށްދިން ހިދުމަތަށް، ހައިކޮމިޝަނުންވަނީ ތައުރީފުކޮށްފައެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ބޭހުގެ ގޮތުގައި ފާހަގަކޮށްފައިވާ ހައިޑްރޮކްސިކްލޮރޮކުއިން ބޭހުގެ ޝިޕްމަންޓްއެއް ރާއްޖެއަށް ފޮނުވައިދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަން، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައެވެ.