މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، މި ބައްޔަށް ކުރެވިދާނެ ފަރުވާތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި ދަނީ ދިރާސާތައް ހަދަމުންނެވެ. ކަންމިހެން އޮތް އިރު، ކޮވިޑް-19ގެ ކޭސްތައް ބައި މިލިއަނަށްވުރެ މައްޗަށް އަރާފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ބޭހެއްގެ ދިފާއުގައި ހަރުއަޑުން ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ޑްރަގްއަކީ ހައިޑްރޮކްސިކްލޮރޮކުއިންއެވެ.

ހައިޑްރޮކްސިކްލޮރޮކުއިން އަކީ މެލޭރިއާ، ލޫޕަސް އަދި ރޫމާޓޮއިޑް އާތްރައިޓިސް ފަދަ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާތާ އެތައް އަހަރެއް ވެފައިވާ ބޭހެކެވެ. ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ވި ބައެއް ޕޭޝަންޓުންނަށްވެސް މި ބޭސް ދީފައި ވާކަމަށް ރާއްޖޭގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ބައިނަލްއަގުވާމީ ބޭސްވެރިކަމުގެ ވިޔަފާރީގައި ހައިޑްރޮކްސިކްލޮރޮކުއިން ޑޮމިނޭޓް ކުރަނީ އިންޑިއާއިން ކަމަށް ވާއިރު، ޓްރަމްޕް ވަނީ އެމެރިކާއަށް ހާއްސަ ޝިޕްމަންޓަކަށް އިންޑިއާއަށް އޯޑަރުވެސް ދެއްވާފައެވެ. ކަން މިހެން އޮތްއިރު، އިންޑިއާއިން ވަނީ މި ބޭސް ދެން އިތުރަށް އެކްސްޕޯޓް ނުކުރާނެ ކަމަށާ، އިންޑިއާއިން ފުރަތަމަ ކޭޓާ ކުރާނީ އެގައުމުގެ ރައްޔިތުންނަށް ކަމަށް ބުނެފައެވެ. ނަމަވެސް، ރާއްޖެއިން އެދުނު ހައިޑްރޮކްސިކްލޮރޮކުއިން ޝިޕްމަންޓް ރާއްޖެއަށް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އިއުލާން ކުރައްވާފައެވެ.

ކޮވިޑް-19ގެ ފަރުވާއަކީ ހައިޑްރޮކްސިކްލޮރޮކުއިން ކަމަށް އެންމެ ފުޅާދާއިރާއެއްގައި ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ލީޑަރަކީ ޓްރަމްޕެވެ. ނަމަވެސް ޑޮކްޓަރުންގެ ފިކުރަކީ ކޮބައިތޯއެވެ. ޓްރަމްޕްގެ މުޝީރު ޑރ އެންތަނީ ފައުޗީ ވިދާޅުވަނީ، މިއީ ކޮވިޑް-19އަށް ފަރުވާދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅު ބޭސްކަން ބުނަން އެނގޭނީ އިތުރު ދިރާސާތަކަކަށް ފަހުގައި ކަމަށެވެ. ޑރ ފައުޗީ ވިދާޅުވާ ގޮތުގައި މިއީ ފަހަރުގައި މަސައްކަތް ކޮށްފާނެ ބޭހެކެވެ. އަނެއްކޮޅުން ބަލާއިރު ޕޭޝަންޓުންނަށް ދެވޭ އިތުރު އަނިޔާއަކަށްވެސް ވެދާނެ ވަރުގެ ބޭހެކެވެ.

ކްލިނިކަލް ޓްރައިލްސް އަކީ ބޭސްވެރިކަމުގެ މައިދާނުގައި ބަލާ އެންމެ މަތީ މިންގަޑެވެ. މިފަދަ ޓެސްޓުތަކުގައި އެއް ގުރޫޕަށް ދޭނީ އެ ކަނޑައަޅާ ބޭހެކެވެ. އަނެއް ގުރޫޕަށް ދޭނީ ޕްލަސީބޯ ނުވަތަ 'ފޭކު ބޭސް' ގުޅައެވެ. ދިރާސާ ކުރަމުން ދާ އެ 2 ގުރޫޕަށް އަންނަ ބަދަލުތަކަކީ އާހިރު ނަތީޖާއެވެ. ކަނޑައަޅާ ބޭސް ބޭނުން ކުރާ ގުރޫޕަށް ކިއާނީ ކޮންޓްރޯލް ގުރޫޕެވެ. އެއީ އިތުރު އެއްވެސް ސަބަބަކާ ނުލައި، ހަމައެކަނި ބޭހުގެ އެހީގައި ފަރުވާ ކުރަމުންދާ ގުރޫޕެވެ.

އެމެރިކާއަށް ބަލާއިރު 15 މަރުކަޒަކުން ދަނީ ހައިޑްރޮކްސިކްލޮރޮކުއިންގައި ހުރި ވަރެއް ބަލަމުންނެވެ.

1. ކޮވިޑް-19ގެ ފަރުވާއަކީ ހައިޑްރޮކްސިކްލޮރޮކުއިން ކަން ކަށަވަރު ވާނީ ކޮން އިރަކުން؟

ޖަވާބުގައި ޓްރަމްޕް ވިދާޅުވަނީ، މިކަން ކަށަވަރުވާން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

އެމެރިކާގެ އިސް އިމުނޮލޮޖިސްޓް ޑރ އެންތަނީ ފޯޗީ (މ) އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި/ފޮޓޯ: ގެޓީ އިމޭޖަޒް

ޑޮކްޓަރުންގެ ވާހަކަ ތަފާތެވެ. ޑޮކްޓަރުން ބުރަވާ ގޮތުގައި މިކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއްވެސް ހޭދަވެދާނެއެވެ.

ދިރާސާކުރަމުންދާ މަރުކަޒުތަކުން ބުނާ ގޮތުގައި މި ދިރާސާއިން ނަތީޖާ ނެރުމަށް މަސްތަކެއް ހޭދަވާނެއެވެ. ދިރާސާ ކުރަމުންދާ އެއް ކުންފުންޏަކީ މިޝިގަންގައި އޮޕަރޭޓް ކުރާ ހެންރީ ފޯޑް ހެލްތް ސިސްޓަމްއެވެ. އެ މަރުކަޒުން ބުނާ ގޮތުގައި މި ދިރާސާއަށް 4 މަސް ހޭދަވާނެއެވެ.

ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ ޑރ ރުއާން ބާނަބާސް ވިދާޅުވީ މިއީ އެންމެ ހަލުވި ދުވެލީގައި އެ މަރުކަޒުން ކުރިއަށް ގެންދާ ދިރާސާ ކަމަށެވެ. ނަތީޖާ ނެރުމަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރާއިރު މިކަމަށް ބޭނުން ވަނީ "ރަނގަޅު ސައިންސް" ގެ އަލިކަން ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

2. ފަރަންސޭސި ދިރާސާ ބުނަނީ ހައިޑްރޮކްސިކްލޮރޮކުއިން ކޮވިޑް-19ގެ ޕޭޝަންޓުންގެ ހަށިގަނޑުގައި މަސައްކަތް ކުރާކަމަށް. އެއީ މެސެޖެއްތަ؟

ޓްރަމްޕްގެ ޖަވާބަކީ "އާނ" ބަހެވެ.

ޑޮކްޓަރުން ވިދާޅުވަނީ ފަރަންސޭސިވިލާތުގެ ދިރާސާއަކީ ގޯހުން ގޯހަށް ގޮސްފައިވާ ދިރާސާއެއް ކަމަށާ، މިއީ އަދި މެސެޖެއް ނޫންކަމަށެވެ.

ކަންމިހެން އޮތްއިރު ޓްރަމްޕް އިޝާރާތްކުރެއްވި ފަރަންސޭސި ދިރާސާ ޝާއިއުކުރި ޖާނަލްއިންވެސް ވަނީ އެ ދިރާސާގައި ވާ ސައިންޓިފިކް ރެކޯޑްތައް މުރާޖައާ ކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.

3. ހައިޑްރޮކްސިކްލޮރޮކުއިންގެ ކްލިނިކަލް ޓްރައިލްސް ލަސްކުރަން ބަޔަކު މަސައްކަތް ކުރިތަ؟

ޓްރަމްޕް ވިދާޅުވަނީ މިފަދަ އަމަލެއް ބަޔަކު ހިންގި ކަމަށާ، އެކަމުން ސަލާމަތް ކޮށްދޭން ތެދުވެވަޑައިގަތީ އޭނާ ކަމަށެވެ.

ކަންމިހެން އޮތްއިރު ޑޮކްޓްރުން ވަނީ، ޓްރަމްޕް ވިދާޅުވާން އުޅުއްވާ އެއްޗެއް ނޭނގުނު ކަމަށް އިޝާރާތް ކުރައްވާފައެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ހައިޑްރޮކްސިކްލޮރޮކުއިން އަކީ އެތައް އަހަރެއް ވަންދެން ލެބެއްގައި ޓެސްޓު ކުރަން ޖެހޭނެ ބޭހެއް ކަމަށް ބަޔަކު ބުނާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާއިރު، އެއީ ކޮންބައެއްކަން ވެސް ޓްރަމްޕަށް ވިދާޅުވެވިފައެއް ނުވެއެވެ. ހައިޑްރޮކްސިކްލޮރޮކުއިންގެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވީ މާޗް 19 ވަނަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނަމަވެސް މާޗް 9 ވަނަ ދުވަހުވެސް މިދިރާސާތަކުގައި މަސްއޫލުވި ސައިންސްވެރިން އެބައުޅެއެވެ.

4. ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮވިޑް-19 ޕޭޝަންޓުންނަށް ރައްކާތެރި ބޭހެއްތަ؟

މި ސުވާލުގެ ޖަވާބުގައި ޓްރަމްޕް ހުންނެވީ ޕޮޒިޓިވް ކޮށެވެ.

ނަމަވެސް ޑޮކްޓަރުން ބުރާވާ ގޮތުގައި މިއީ ސީރިއަސް ސައިޑްއިފެކްޓްތަކެއް ހުރި ބޭހެކެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން/ފޮޓޯ: ވައިޓީއައި

ޓްރަމްޕްގެ ވާހަކަފުޅުތަކުގެ ރާގަށް ބަލާއިރު އެއީ އެއްވެސް ވަރެއްގެ ނުރައްކަލެއް އޮތް ބޭހެއް ނޫނެވެ. އެގޮތުން ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކޮށްގެން 'ގެއްލެން އޮތީ ކޯއްޗެއްތޯ' ވެސް ޓްރަމްޕް ވަނީ އައްސަވާފައެވެ.

ކަންމިހެން އޮތްއިރު، ހައިޑްރޮކްސިކްލޮރޮކުއިންގެ ބްރޭންޑެއް ކަމަށްވާ ޕްލެކުނިލްއަށް ބަލާނަމަ، މި ބްރޭންޑްގެ ލޭބަލްގައި ބުނެފައިވާ ގޮތުގައި، މި ބޭސް ބޭނުންކުރި ބައެއް ފަރާތްތަކުގެ ފުރާނައަށް ނުރައްކާވެގެން ރިޕޯޓްކުރި ކަމަށް ބުނެފައި ވެއެވެ. އެގޮތުން ހިތުގެ ބަލިތަކުގެ އިތުރުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ފެނުމުގެ ހިއްސަށް ކޮށްފައި ވާކަމަށް ރިޕޯޓް ކޮށްފައި ވާކަމަށްވެސް ބުނެފައި ވެއެވެ.

މެޑިކަލް ޖާނަލް އެންޓިވައިރަލް ރިސާޗްގައި ޑރ ހަވިއޭ ޑި ލެމްބަލެޣީ އާއި ފްރޭންކް ތޫޣެތް ވިދާޅުވާ ގޮތުގައި، ހައިޑްރޮކްސިކްލޮރޮކުއިން އަކީ ރައްކާތެރި ބޭހެކެވެ. އަދި ސައިޑް އިފެކްޓްތަކެއް ހުންނަ ބޭހެއް ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ފަރުވާއަކަށް ވުމާ، ފުރާނައަށް ނުރައްކާ ދަރަޖަ ޑޯޒްއަކާ ދެމެދު އޮތީ ހަނި ފަރަގެއް ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.