ކަނޑައެޅިގެން ވަކި ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ބޭހުގެ ގޮތުގައި ފާހަގަކޮށްފައިވާ ހައިޑްރޮކްސިކްލޮރޮކުއިން ބޭހުގެ ޝިޕްމަންޓްއެއް ރާއްޖެއަށް ފޮނުވައިދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަން، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި އާންމުކުރެއްވި ޓްވީޓްއެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެއިން އެދިފައިވާ ހައިޑްރޮކްސިކްލޮރޮކުއިން ޝިޕްމަންޓް އެކްސްޕޯޓްކުރުމަށް އިންޑިއާ ސަރުކާރުން އެއްބަސްވިކަމަށްޓަކައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ހައިޑްރޮކްސިކްލޮރޮކުއިންއަކީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އިންގިލާބީ ބަދަލެއް ގެނެސްދޭ ބޭހެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ބޭހަކަށް ވާއިރު، އިންޑިއާއިން ވަނީ މި ބޭސް އެކްސްޕޯޓްކުރުން ހުއްޓާލާފައެވެ.

30 އަށްވުރެ ގިނަ ގައުމުން މި ބޭސް ހޯދުމަށް އިންޑިއާގައި އެދިފައިވާކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ. މި ބޭސް ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ލެޓިން އެމެރިކާ އަދި ވިލާތު ބައްރުގެ ގައުމުތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރުންވެސް ވަނީ މި ބޭސް ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދަންނަވާފައެވެ. ހައިޑްރޮކްސިކްލޮރޮކުއިން ހޯދުމަށް ގައުމުތަކުން އިންޑިއާގައި އެދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިންޑިއާއިން އެންމެ ފުރަތަމަ ބާލާނީ އެގައުމަށް ބޭނުންވާ މިންވަރުގެ މުރާޖާއެއް ހެދުމަށް ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި މި ބޭސް ބޭނުންކުރުމަށް، އިންޑިއާގެ ކަބެހޭ ފަރާތްތަކުން މިހާރު ވަނީ ސިއްހީ ހިދުމަތްތެރިންނަށް ހުއްދަވެސް ދޫކޮށްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން އެދިފައިވާ ޝިޕްމަންޓް ފޯރުކޮށްދިނުމަށް އިންޑިއާއިން އެއްބަސްވުމަކަށް އައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ، ބޭނުންޖެހޭ ވަގުތެއްގައި އެކަމަށް ތެދުވާ ރަހުމަތްތެރިއަކީ ހަގީގީ ރަހުމަތްތެރިއެއްކަން ފާހަގަކުރައްވާ، އިންޑިއާއަށް ތައުރީފުކުރައްވާފައެވެ.