ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއ) އިން ނިންމައިފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުވާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާއެރުވުމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކަން ނިންމަވާފައި ވާކަމަށެވެ.
އެ ގަރާރުގައި މިމަހުގެ 30 އާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް މިދިޔަ މަހުގެ 7 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާތީ އާއި ކޮވިޑް-19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން) އިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަނޑައަޅައިފައި ވާތީ ކަމަށް އެ ގަރާރުގައި ވެއެވެ.
އެގޮތުން ގަރާރު ނެރެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތް ކަމަށާއި، ކޮވިޑް-19 ގެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަދިވެސް އަޅަމުން ގެންދަން ޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިވަޑައި ގަންނަވާތީ ކަމަށް ޑރ، ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ މާޗް 12 ވަނަ ދުވަހެވެ.