އަންނަ އާދިއްތަ ދުވަހުން ފެށިގެން ވޯކް ވިސާ އާއި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކަށް ވިސާ އާކޮށްދޭން ނިންމައިފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކާ ސަރުކާރު ބަންދު ކުރުމުން އިމިގްރޭޝަނުން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ވިސާ އާއި ގުޅުންހުރި ކަންތައް ފުރިހަމަ ކުރުމުގައި ދަތިތައް ދިމާވާތީ، އާދިއްތަ ދުވަހުން ފެށިގެން ވޯކް ވިސާ އަދި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވިސާ އާކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ވިސާ އާއި ގުޅުންހުރި ހިދުމަތް ތަކަށް އެދުމުގެ ފުރުސަތު ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ހުޅުވާލާފައިވާއިރު ވިސާ ޖެހުމަށްފަހު ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:10 އިން މެންދުރު 12:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ވިސާ އަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އާއި 12:00 އާއި ދެމެދު ކަމަށެވެ. އެޕޮއިންޓްމެންޓު ދޫކުރެވޭ ފަރާތްތަކުން ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

ހިދުމަތްދޭނީ ފިޒިކަލް ޑިސްޓެންްސިން އަށް ސަމާލުކަން ދީގެން ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކުން މިކަމަށް ސަމާލުވެ، މަސައްކަތް ރޭވިފައިވާގޮތަށް ހުރުމަތްތެރިކޮށް ހިތުމަށް އެދޭކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ޓޫރިސްޓު ވިސާ އާއި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އާކުރުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއާޕޯޓަށް ދިޔުމުން ފުރޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށައި ނަމަވެސް މިދިޔަ މަހުގެ 19ގެ ކުރީގެ ތާރީހަކަށް ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާފަރާތްތަކުން ވިސާ އާކުރުމަށް އެދި ހުށަހަޅާ ފޯމާއިއެހެނިހެން ލިޔެކިއުންތަށް [email protected] އަށް މެއިލްކުރުމަށް އިމިގްރޭޝަނުން އެދެއެވެ.

މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވިސާ ޖެހުމަށް ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މައުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.