އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފުރާތާ 14 ދުވަސް ވުމުން ރިސޯޓުގެ މެނޭޖްމަންޓުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެ ހިސާބުން މުވައްޒަފުން ރިސޯޓުން ފޭބުމުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ، އެންމެ ފަހު ފަތުރުވެރިޔާ ފުރި ފަހުން އެ ރިސޯޓަކަށް އެހެން ފަތުރުވެރިން ގޮސް ނުހަދާ ރިސޯޓަކަށް 14 ދުވަސް ވުމަށް ފަހުގައި އެ ރަށުގައި ތިބި މުވައްޒަފުން ނުވަތަ އެ ރަށުގައި ތިބި ބަޔަކު ރަށު ބަންދުން ނުވަތަ ރަށުން ބޭރު ނުވެ ތިބި ތިބުން އެހިސާބުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް އެ ތަނަކުން އެންމެ ފަހުން ގެސްޓަކު ފުރައިގެން ދިޔަފަހުން 14 ދުވަސް ވެއްޖެކަން ބަޔާންކޮށް އެތަނެއްގެ މެނޭޖުމަންޓުން އެޗްޕީއޭއިން ކަނޑައަޅާފައި ހުރި މައުލޫމާތު ފުރަންވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި އެއަށް ފަހުގައި އެރަށުގައި ތިބި ފަރާތްތަށް ރަށުން ފޭބުމުގައި އެޗްޕީއޭގެ އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް / ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތަކުގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދިނުމުގައި އަމަލު ކުރާ ގޮތް 4 ބަޔަކަށް ބަހާލެވިފައިވާ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

  • ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް އަދި އަލާމާތް ހުރި މީހަކުވެސް ނުފެންނަ ރިސޯޓު

ފުރަތަމަ ގްރޫޕް ތަފްސީލް ކޮށްދެއްވަމުން ޑރ. ލަތީފް ވިދާޅުވީ، އެއްވެސް ކޭސްއެއް ނުފެންނަ އަދި ބަލީގެ އަލާމަތް ހުރި މީހަކުވެސް ނެތް ރިސޯޓުތަކުގައި، އެންމެ ފަހު ފަތުރުވެރިއާ ފުރާތާ 14 ދުވަހުގެ މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު މުވައްޒަފުންނަށް ރަށަށް ދެވިދާނެ ކަމަށެވެ.

  • ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ނެތް ނަމަވެސް އަލާމާތް ހުރި މީހަކު ފެނުނު ރިސޯޓު

ދެވަނަ ގްރޫޕަކީ ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް ނަމަވެސް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މީހަކު ޓެސްޓު ކުރެވި ނަތީޖާ ނެގެޓިވް ވި ރިސޯޓް ތަކެވެ. އެފަދަ ރިސޯޓަކުން ޓޫރިސްޓަކު ފުރާތާ 14 ދުވަހުގެ މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު އެއްވެސް އަލާމާތެއް ނުފެންނަ ނަމަ އެ ރިސޯޓުތަކުގައި ތިބޭ މުވައްޒަފުންނަށް ރަށަށް ދެވިދާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

  • ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުނު ރިސޯޓު

ތިންވަނަ ގްރޫޕަކީ ޕޮޒިޓިވް ކޭސެއް ފެނިފައިވާ ރިސޯޓްތައް ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އެ ރިސޯޓުތަކުގައި އެންމެ ފަހު ފަތުރުވެރިއާ ފުރާތާ 14 ދުވަހުގެ މުއްދަތަށް ފަހު ގައިވެސް މުވައްޒަފުންނަށް ރަށަށް ދެވޭނީ ސްކްރީނިގް ހެދުމަށް ފަހު ސްކްރީނިން އިން ނެގެޓިވް ވުމުން ކަމަށް ޑރ. ވިދާޅުވިއެވެ.

  • ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި އަދި ރަށުގައި އެ ބަލި ފެތުރުނު ރިސޯޓު

އެންމެ ފަހު ގްރޫޕަކީ ޕޮޒިޓިވް ކޭސްއެއް ފެނިފައި އަދި ވައިރަސް އެ ރަށެއްގައި ފެތުރިފައިވާ ރިސޯޓެވެ. އެ ފަދަ ރިސޯޓެއް 14 ދުވަހުން ދޫކޮށްނުލާނެ ކަމަށާއި އެ ގްރޫޕަށް ދޭނީ 28 ދުވަހުގެ މުއްދަތަކަށް ފަހު ކަމަށް ޑރ. ވިދާޅުވިއެވެ. އަދި އެ 28 ދުވަހުގެ މުއްދަތުގައި އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ އަނެއްކާވެސް ޓެސްޓު ހެދުމަށް ފަހު ބަލާފައި ނޫނީ މުވައްޒަފުން ރަށުން ފޭބުމަށް ދޫނުކުރެވޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.

ރިސޯޓުތަކުގައި ތިބި މުވައްޒަފުން ރަށްރަށަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމުގައި އެޗްޕީއޭއިން ކަންކުރާ ގޮތުގެ ތަފްސީލެއް ދެއްވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮވިޑްގެ އިންކިއުބޭޝަން ޕީރިއަޑަކީ 2 ދުވަހާ 14 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެހެން ކަމުން 14 ދުވަސްތެރޭގައި ކޮވިޑްގެ އެއްވެސް ސިމްޓަމްއެއް ނުފެނިއްޖިއްޔާ އޭގެ މާނައަކީ ކޮވިޑްގެ ރިސްކް ވަރަށް ކުޑަކަމަށެވެ.

ރާއްޖެއިން ކޮވިޑަށް 19 މީހަކު ޕޮޒިޓިވް ވެފައި ވާއިރު ޕޮޒިޓިވް ވެފައި ވަނީ 4 ދިވެހިންނާއި 15 ބިދޭސީންނެވެ. މިހާރު ރާއްޖޭގައި ފަރުވާ ދެމުންދަނީ 4 ދިވެހިންނަށެވެ. 13 މީހުން މި ބަލިން ރަނަގަޅު ވެފައިވާ އިރު އިތުރު ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިފައި ވަނީ އެ ފަތުރުވެރިން ރާއްޖެއިން ފުރި ފަހުންނެވެ.