ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލާދީގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލި ނަމަވެސް، އަނެއްކާ ހައްޔަރުކޮށް އެ ދެ މީހުންގެ ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލި މައްސަލަ އިއްޔެ އިންންމާދޫ ކޯޓުން ބެލުމަށް ފަހު، ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރު ކުރުމަށް ނެރެވުނު ކޯޓު އަމުރުގެ ދަށުން ބަންދުގެ މުއްދަތަށް 7 ދުވަސް ދީފައިވާ ކަމަށެވެ.
އެ މައްސަލްއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް ގައިގަ އެރަށު ދެ މީހަކުވެގެން ތަޅާ މާރާމަރީ ހިންގާފައިވާ މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. އަދި މި މާރާމަރީ ގައި ބިދޭސީ މީހާގެ ނޭފަތްމަތި ފަޅައިގެން ގޮސް ދުޅަވެފައިވާ ކަމަށާއި، އަދި ވާތު ލޯކައިރި ފަޅައިގެން ގޮސްފައި ވުމާއެކު މުޅި މޫނުމަތި އެއްކޮށް ދުޅަވެފައިވާ ކަމަށެވެ. މި މާރާމަރީގައި އަނިޔާ ލިބިފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް މީހަކަށް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިންނަމާދޫ ކޯޓަށް ގެންދިއުމުން އެދެމީހުން ވަނީ ކޯޓުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެދެމީހުން ކޯޓުން ދޫކޮށްލާފައި ވަނީ އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާގެ ފޮޓޯ، ރިޕޯޓާއި އަދި ޑޮކްޓަރުގެ ލިޔުމާއި މަންޒަރު ދުއް ފަރާތުގެ ބަޔާންވެސް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެމީހުން ދޫކޮށްލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 4 ވަނަ ދުވަހެވެ.
މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ ހިންގާފައި ވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސް ތަކަކަށް އޭނާ ފެންދޭން ހުއްޓާ، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، އެތަނުން އެއް ބިދޭސީއަކު އެމީހާއާ ދިމާލަށް އޭނާ ގަސްތަކަށް ފެން ޖަހާއިރު އެތަކެއްޗަށް ފެން އަންނަ ވާހަކަ ބުނުމުން އެކަމާ ހިތް ހަމަ ނުޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.