ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) "ސިޔާސީ" ނުކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ގޮވާލައްވައިފިއެވެ.

ހުރިހާ އެންމެން އެއްބައިވަންތަ ވުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ޑރ ޓެޑްރޯޒް މިކަމަށް ގޮވާލައްވާފައި މިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކެނޑިނޭޅީ ޑަބްލިއު.އެޗް.އޯއަށް ބަހުގެ ވަރުގަދަ ހަމަލާތަކަކާ އިންޒާރުތަކެއް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ރޭގެ ވަގުތެއްގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒްވަނީ ޑަބްލިއު.އެޗް.އޯއިން ކުރަމުންދާ މަސައްކަތްތައް ދިފާއު ކުރައްވާ، ކޮވިޑް-19 "ސިޔާސީ" ކުރަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގެ ރައީސް ވަނީ އެމެރިކާއިން ޑަބްލިއު.އެޗް.އޯއަށް ފޯރުކޮށްދެމުންދާ މާލީ އެހީ ހުއްޓާލަން ވިސްނަވާ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ޑަބްލިއު.އެޗް.އޯއާއި ދެކޮޅަށް ޓްރަމްޕް ފާޑުވިދާޅުވަމުން ގެންދަވަނީ އެ ޖަމިއްޔާއަކީ ޗައިނާއަށް ބުރަވާ ޖަމިއްޔާއެއްކަމަށާ، ބަލިމަޑުކަމަށް އިޖާބަ ދިނުމުގައިވެސް އެއީ ފެއިލްވެފައިވާ ބައެއް ކަމަށް ސިފަކުރައްވަމުންނެވެ.

ޑަބްލިއު.އެޗް.އޯއިން ހާއްސަ ސަމާލުކަމެއް ދޭ ކަންކަން މުރާޖައާ ކުރަންޖެހިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާއިރު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯގެ ވާހަކަވެސް ހުރީ މިފަދަ ރޫހެއްގައެވެ. އެގޮތުން ޑަބްލިއު.އެޗް.އޯއަށް އެމެރިކާއިން ދޭ އެހީ މުރާޖައާ ކުރުމުގެ އިޝާރާތެއް ޕޮމްޕޭއޯވެސް ވަނީ ދެއްވާފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ ޑަބްލިއު.އެޗް.އޯއަކީ ކޮންމެ ގައުމަކާވެސް ގާތް ގައުމެއް ކަމަށާ، ޑަބްލިއު.އެޗް.އޯއަކީ "ކުލަ-ނުފެންނަ" ޖަމިއްޔާއެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރިގެން ދިޔަ ޗައިނާގެ ވޫހާން ސިޓީގައި 11 ހަފުތާގެ މުއްދަތަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ އަމުރަށް އިއްޔެ ލުއި ދީ، އެ ސިޓީގެ ބޯޑަރުތައް މިހާރު ވަނީ ހުޅުވާލާފައެވެ.

ކަންމިހެން އޮތްއިރު، ޑރ ޓެޑްރޯޒްގެ އަރިސް މުޝީރެއް ވިދާޅުވީ، އެ ޖަމިއްޔާއިން ޗައިނާއާއި ވީހާވެސް ގާތުން ކުރަމުންދާ މަސައްކަތްތަކަކީ ބަލިމަޑުކަމުގެ ކުރީގެ މަރުހަލާތަކުގައި ކޮންމެހެން ދެނެގަންނަންޖެހޭ ކަންތައްތަކެއް ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އެމެރިކާގައި އިންތިހާ ނުރައްކާ ދަރަޖައަކަށް ފެތުރިފައިވާއިރު ޑރ ޓެޑްރޯޒް ވިދާޅުވީ، މި ވަގުތަކީ އެމެރިކާއާއި ޗައިނާއިންވެސް ހަގީގީ ލީޑާޝިޕް ކުރިއަށް ނެރެންވީ ވަގުތު ކަމަށެވެ. އަދި މިއީ މުޅި ދުނިޔެވެސް އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތުކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާއަކީ ހިލޭ ސާބަހަށް ޑަބްލިއު.އެޗް.އޯއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ވަރުގަދަ އެއް ގައުމެވެ. މުޅި ޑަބްލިއު.އެޗް.އޯގެ ބަޖެޓްގެ 15 ޕަސެންޓް އަކީ އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަމެވެ. އެމެރިކާއިން މި އެހީ ދިނުން ހުއްޓާލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވާއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ ޑަބްލިއު.އެޗް.އޯ ދިފާއު ކުރައްވާފައެވެ.