ހުޅުމާލޭގައި ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ތައްޔާރު ކުރަމުންދާ ކަރަންޓީން ފެސިލިޓީ ހެދުމަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅު ވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ހުޅުމާލޭގެ ކަރަންޓީން ފެސިލިޓީގެ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އެތަނަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދު ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ކަރަންޓީން ފެސިލިޓީއަށް ދީފައިވާ ނަމަކީ "ހުޅުމާލޭ މެޑިކަލް ފެސިލިޓީ" ކަމަށެވެ. އެ ފެސިލިޓީއަކީ 300 މީހުންނަށް އެއް ފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށްވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ތަން ހަދާ ނިމޭއިރު 300 އެނދުގެ ކެޕޭސިޓީ ހުންނާނެ، އެ ބިލްޑިންގެ ގެ އިތުރުން ސާވީސް ބިލްޑިންގަ އަކާއި އެކޮމޮޑޭޝަން ބްލޮގެއް ހުންނާނެ، ސާވީސް ބިލްޑިންގެ ގެ ބޭނުމަކީ ލޯންޑްރީއާއި ވޭސްޓް މެނޭޖްމެންޓާއި ބަދިގެ ފަދަ ތަންތަނަށް، އެކޮމޮޑޭޝަން ބްލޮގަކީ އެތާ މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭ ގޮތަށް ހަދާ ތަނެއް
ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

އެ މެޑިކަލް ފެސިލިޓީ ތަރައްގީކޮށް ނިމޭއިރު ތިން އިމާރާތެއް ހުންނާނެ ކަމަށާއި އެއީ ބަލި މީހުންނަށް ހާއްސަ އިމާރާތަކާއި، ހިދުމަތްތަކަށް ހާއްސަ އިމާރާތެއްގެ އިތުރުން އެކޮމެޑޭޝަން އަށް ހާއްސަ އިމާރާތެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.