ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިފިއެވެ.

ޑރ. ޓެޑްރޯޒްއާ ރައީސް ސޯލިހް މަޝްވަރާ ކުރައްވާފައި ވަނީ، މިއަދު މެންދުރު ފޯނުން ގުޅުއްވައެވެ.

މި މަޝްވަރާގައި، ކޮވިޑް-19 އަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ރައީސް ސޯލިހް ވަނީ ޓެޑްރޯޒްއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 19 ޕޮޒިޓިވް ކޭސް ފެނިއިވާއިރު، ރާއްޖޭގައި ކޮމިއިނިޓީ ސްޕްރެޑެެއް ނެތް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި މި ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯން ރާއްޖެއަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯ އިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޑް-19ގެ ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފައެވެ. ރައީސް ސޯލިހް ވަނީ އެކަމަށްޓަކައި ޑރ. ޓެޑްރޯޒް އަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި ކޮވިޑް-19އާ ޑަބްލިއުއެޗްއޯން ކުރަމުންދާ މަސައްކަތައް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމު ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ރާއްޖެއިން މިހާތަނަސް މި ބައްޔަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ 15 ބިދޭސީންނާއި 4 ދިވެހިންނެވެ. އޭގެ ތެރެއިން 13 ބިދޭސީއަކު ރަނގަޅުވެފައިވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރުގައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ ޔޫކޭއިން ރާއްޖެ އައުމަށްފަހު ޕޮޒިޓިވްވި 4 ދިވެހިންނަށް އެކަންޏެވެ.