އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިންޑިއާ ފައިސާގެ އަގު ދަށަށް ހިނގައްޖެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އަދި ބޭރު ފައިސާ ގަނެވިއްކުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ މި ދަނޑިވަޅުގައި އިންޑިއާ ރުޕީޒްއިން އެމެރިކާ ޑޮލަރަކަށް ޖެހޭ މިންވަރުން 21 ޕައިސޭ ދަށަށް ގޮސް، ޑޮލަރަކަށް ޖެހޭ ޖުމުލަ ރުޕީޒް އަގު މިހާރު ވަނީ 78.85 ރުޕީޒްއަށް ދަށަށް ގޮސްފައެވެ.
ހުސްވި ހަފުތާގައި އިންޑިއާ ރުޕީޒްގެ އަގު އުޅުނީ ޑޮލަރަކަށް، ގާތްގަނޑަކަށް 75.83 ރުޕީޒްގެ ރޭޓުގައެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ބޮޑެތި ވިޔަފާރިތަކަކަށްވެސް ހުރަސް އެޅި، ބަނަކަން ކުރިމަތިވަމުން އަންނަ ދަނޑިވަޅެކެވެ. މި ކަމުގެ ސަބަބުން އަސަރު ކުރާ ފާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ސަރުކާރުންވަނީ އެހީގެ ޕެކޭޖުތަކެއްވެސް ތައާރަފުކޮށްފައެވެ.
ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެންނާ އެނޫންވެސް އެކި ބޭނުންތަކަށް އާންމުކޮށް ދަތުރުކުރާ އިންޑިއާގައި ބަލިމަޑުކަން ފެތުރިފައިވާ ހާލަތަށް ބަލާއިރު، އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5356 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 468 އަށް އަރާފައެވެ.
ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން ދަނީ 21 ދުވަހުގެ ލޮކްޑައުން އަމުރެއް ތަންފީޒުކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ އުދުހުންތަކާ އެތެރޭގެ އުދުހުންތައްވެސް މިވަގުތު ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން، އިންޑިއާއިންވަނީ ބައެއް ކަހަލަ މުދާ އެކްސްޕޯޓްކުރުންވެސް މުޅިން ހުއްޓާލާފައެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަކަށް ގެންގުޅޭ އާލާތްތަކާ، ކޮވިޑް-19ގެ ފަރުވާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގިނަ އަދަދެއްގެ ޑޮކްޓަރުން ބޭނުން ކުރަމުން އަންނަ ހައިޑްރޮކްސިކްލޮރޮކުއިން ފަދަ ބޭސްތައް ހިމެނެއެވެ.