އެމެރިކާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އެއް ސަރަހައްދު ކަމަށްވާ ކެލިފޯނިއާ ސްޓޭޓްގެ ޖަލުތަކުގައި ތިބި ގައިދީންނާ އެތަންތަނުގައި މަސައްކަތް ގިނަ އަދަދެއްގެ މުވައްޒަފުންވެސް މި ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އެންޑް ރީހެބިލިޓޭޝަންއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ސްޓޭޓްގެ އެކި ހިސާބުތަކުން 18 ގައިދީއަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިދިޔަ ހަފުތާގައި މިއަދަދު އުޅުނީ އެންމެ 4 ކޭހުގައެވެ.

ކެލިފޯނިއާ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވީ، ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އިތުރު 40 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު ޖަކު މުވައްޒަފުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ.

ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ދިއުމަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން އެކަމަކާ އެންމެ ސީރިއަސްކޮށް ކަންބޮޑުވުންފާޅުކުރަމުންދިޔަ އެއް މައްސަލަ ކަމަށްވާއިރު، އެމެރިކާގެ ޖަލުތަކުގައި މި ބަލި ފެތުރެމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޖަލު ތެރޭގައިވެސް އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގްގެ އުސޫލުތައް ގެންގުޅޭނެ ކަމަށް ޚަބަރު ލިބެއެވެ.

ކެލިފޯނިއާ ސްޓޭޓްގެ މިހާރުގެ ހާލަތަށް ބަލާއިރު އެ ސްޓޭޓުން އެކަނިވެސް 17500 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 450 އަށް އަރައެވެ.