ކޮވިޑް19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފިނަމަ ވިޔަފާރިތަކުގެ ތެރެއިން ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް މާލެ ސިޓީ ކައުންސިލުގައި ރަޖިސްޓާ ވުމަށް އެދިއްޖެއެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ބުނީ، ކޮވިޑް19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފިނަމަ ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ފިހާރަތަކާއި، ހޮޓާ އަދި ރެސްޓޯރަންޓްތައް އެ ކައުންސިލުގައި ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ޑެލިވަރީގެ ހިދުމަތްދޭން ބޭނުންވާ ވިޔަފާރިތަކުން، ސިޓީ ކައުންސިލުގެ ވެބްސައިޓުން އެކަމަށް ރަޖިސްޓްރީވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ ލޮކްޑައުންގެ ހާލަތުގައިވެސް ވިޔަފާރިތަކުން ޑެލިވާކުރުމުގެ ހިދުމަތްދީ އަދި މާލެ ސަރަހައްދުން ލިބޭނެ ތަންތަން އެނގުމުން އާންމުންނަށް ފަސޭހަވާނެ އެވެ. އަދި ޗާޓެއްގެ ޒަރިއްޔާއިން އެފަދަ ތަންތަން އާންމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުމާއި ގުޅިގެން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު 17:00 އިން ފެށިގެން 20:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށް ވުރެ އިތުރަށް އެކުގައި ނޫޅުމަށްވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ސަރުކާރުންވަނީ 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.