ޗެނަލް 13ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފިއެވެ. ޗެނެލަ 13 އަށް ބްރޯޑްކޮމް އިން ނަސޭހަތްތެރިވެފައި މިވަނީ އެ ޗެނަލް އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް ހުއްޓުވާލިތަ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
ބްރޯޑްކޮމްއިން ޗެނެލް13 އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުން ކުރަމުން ދާކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވިފައި ވާ ކަމަށާއި، އަދި މީސްމީޑިއާ މެދެވެރިކޮށް އެކަން އެކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރަށް ބްރޯޑްކޮމް އިން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވަނީ ނަސޭހަތްތެރި ވެފައެވެ.
އަދި ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް ވެސް އެ ކަމޮޝަނުންވަނީ ނަސޭހަތްތެރި ވެފައެވެ. އަދި މި މިންގަނޑާ ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ވާނަމަ، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް އެސިޓީގައި ބުނެފައި ވެއެވެ.
ޗެނަލް 13ގެ ޕްރޮގްރާމް ތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބާއި އަހުލާގުގެ މިންގަނޑަށް ފެއްތުމަށް އެދި ބްރޯޑްކޮމްއިން ނަސޭހަތްތެރި ވެފައިވާއިރު، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލުމަށް ވެސް އެކޮމިޝަނުން ވަނީ އެޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓު ލިމިޓެޑަށް އަންގާފައެވެ.
ބްރޯޑްކޮމް އިން ޗެނަލް13 އަށް މިފަދަ އެންގުންތައް އަންގާއިރު، މީޑިއާ ކައުންސިލުން ދަނީ އޮންލައިން ނޫސްތަކުގައި ލިޔާ އެކި ލިޔުންތައް ނަގުވާ އަދި ރާއްޖޭގެ ހަވަރެއް ނަމަވެސް ބައެއް ހަބަރުތަކުގެ ސުރުހީވެސް ބަދަލުކުރަން ބައެއް ނޫސްތަކަށް އަންގަމުންނެވެ.