ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ޝުކުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަންނަވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުން ދާއިރު، މިހާރު މުޅި ދުނިޔެވެސް ދެކެމުން މި އަންނަނީ ފަހުގެ ތާރީހެއްގައި އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ އެއް ކާރިސާ ކަމަށެވެ.

އަދި މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަމާއި މަސައްކަތަށް ކުރާ ގަދަރު ހާމައަށް ފެންނަން އޮތް ދަނޑިވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ސިއްހީ ޕްރޮފެޝަނަލުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ރައީސް ސޯލިހް ވަނީ ޝުކުރު ދަންނަވާފައެވެ.

މިހާތަނަށް މުޅި ދުނިޔެއިން 1.3 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އެ ބަލީގައި 74,779 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހި 285,090 މީހުން ރަނގަޅުވެފައި ވާއިރު، 987,604 މީހުނަނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، ޖުމަލަ 19 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ރާއްޖޭގައި މީހަރު މިބަލިން 13 މީހުން ރަނގަޅުވެފައި ވާއިރު، ހަތަރު މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.