ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސަރަހައްދުތައް ހަމައަކަށް އެޅެމުން އަންނަ ކަމަށާ، އަނދިރިކަމުގެ ތެރެއިން އަލިކަން ފާޅުވާން ފަށާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ބަލާއިރު އެންމެ ނުރައްކާތެރި މަންޒިލެއްގެ ގޮތުގައި އޮތް ނިއުޔޯކް ސިޓީން އާދީއްތަ ދުވަހު ރިޕޯޓްކުރި ކޭސްތަކާ، މަރުގެ ރިޕޯޓްތަކުގެ އަދަދުތައް ވަނީ ދަށަށް ގޮސްފައެވެ.

ޓްރަމްޕް ވިދާޅުވީ މިއީ "ހެޔޮ ފާލެއް" ކަމަށެވެ. ނަމަވެސް މިއީ އެމެރިކާގައި ބަލިމަޑުކަން ގޮސްފައިވާ ހާލަތަށް ބަލާއިރު އެންމެ ނުރައްކާ ބޮޑުވެގެންދާނެ ދުވަސްވަރު ކަމަށާ، ކުރިއަށް އޮތް ތަނުގައި ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާތަން ފެނުން އެކަށީގެންވާކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ނިއުޔޯކްގެ އެންމެ ފަހުގެ ހާލަތަށް ބަލާއިރު އާދީއްތަ ދުވަހު 594 މީހަކު މަރުވެފައި ވާކަމަށް ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ނިއުޔޯކް ސިޓީއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 4159 އަށް އެރީއެވެ.

ނިއުޔޯކްއިން 122000 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނު މީހުންގެ ތެރެއިން 75 ޕަސެންޓް ޕޭޝަންޓުން މިހާރު ގެއަށް ފޮނުވާލާފައި ވާކަންވެސް ގަވަރުނަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާކަމަށާ، ކުރީ ދުވަހާ އަޅާ ބަލާއިރު މަރުވި މީހުންގެ އަދަދުވެސް ދަށްކަން ގަވަރުނަރު ކޫމޯ ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޔޯކް މަސްރަހުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް ވޮޝިންގްޓަން ޑީސީ، ޑެޓްރޮއިޓް އަދި ނިއުއޯލީންސް ފަދަ ސަރަހައްދުތަކުގައި ބަލިޖެހޭ މީހުންނާ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ސަރަހައްދުތަކުގެ ގަވަރުނަރުން ދަނީ އެކަށީގެންވާ ސިއްހީ އާލާތްތަކާ، ވެންޓިލޭޓަރާ ފޭސް މާސްކު ފަދަ ތަކެތި ނެތްކަމުގެ އިންޒާރުތައް ދެމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގެ މަސްރަހު ހަމައަކަށް އެޅެމުން އަންނަ ކަމުގެ ރޫހެއްގައި އެމެރިކާގެ ރައީސް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ދާއިރު، އެމެރިކާގެ އިސް އިމިއުނޮލޮޖިސްޓް އަދި ކޮވިޑް-19 ޓާސްކްފޯހުގެ މެމްބަރު ޑރ އެންތަނީ ފައުޗީ ވިދާޅުވީ، ކަންކަން ކޮންޓްރޯލް ވެފައިވާކަމަށް ބުނަން އަދި މާ އަވަސް ކަމަށެވެ.

ޑރ ފައުޗީ ވިދާޅުވީ، ކޮންޓްރޯލް ވެފައިވާކަމަށް ބުނުމަކީ ގޯހެއް ކަމަށާ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ބޮޑެތި ގޮންޖެހުންތަކެއް ގިރާކުރަމުންދާކަމަށެވެ.

އެމެރިކާގައި ވަގުތީ މޯޗަރީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފިނިކުރާ ލޮރީއަކަށް، ކޮވިޑް-19ގައި މަރުވި މީހުންގެ ގަބުރުތައް އަރުވަނީ/ފޮޓޯ: ބްރާޔަން އާރް ސްމިތް

މުޅި އެމެރިކާގެ ހާލަތަށް ބަލާއިރު، 336830 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދުގެ މިވަގުތާ ހިސާބަށްވެސް 157 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. މަރުވި މީހުންގެ އަދަދު 9618 އަށް ވަނީ އަރާފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 17977 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވއިރު، މިހާރުވެސް ފަރުވާ ހޯދަމުންދާ 309235 މީހުންގެ ތެރެއިން 8702 މީހަކު އޮތީ ސީރިއަސް/ކުރިޓިކަލް ހާލަތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.