ކަނޑައެޅިގެން ވަކި ބޭހެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ބޭނުންކޮށް، އެދެވޭ ނަތީޖާތަކެއް ނެރެވެމުންދާ ހައިޑްރޮކްސީކްލޯރޯކްއީން ހޯދުމަށް 30 ގައުމަކުން އިންޑިއާގައި އެދިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ހައިޑްރޮކްސީކްލޯރޯކުއީން އަކީ މެލޭރިއާ ބައްޔަށް ފަރުވާ ދިނުމުގައި މީގެ އަހަރުތަކެއް ކުރީއްސުރެ ފެށިގެން ބޭނުން ކުރަމުން އަންނަ ބޭހެކެވެ.
އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރުންވެސް ވަނީ މި ބޭސް ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދަންނަވާފައެވެ.
މި ބޭސް ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ލެޓިން އެމެރިކާ އަދި ވިލާތު ބައްރުގެ ގައުމުތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު ބޭސްވެރިކަމުގެ ދުނިޔޭގައި އިންޑިއާއަށް ދެވިފައިވާ މަތީ ގަދަރު އެނގިގެންދާކަމަށް އެގައުމުގެ މިޑީއާއިން ސިފަކުރެއެވެ.
ހައިޑްރޮކްސީކްލޯރޯކުއީން ހޯދުމަށް ގައުމުތަކުން އިންޑިއާގައި އެދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިންޑިއާއިން އެންމެ ފުރަތަމަ ބާލާނީ އެގައުމަށް ބޭނުންވާ މިންވަރުގެ މުރާޖާއެއް ހެދުމަށް ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި މި ބޭސް ބޭނުންކުރުމަށް، އިންޑިއާގެ ކަބެހޭ ފަރާތްތަކުން މިހާރު ވަނީ ސިއްހީ ހިދުމަތްތެރިންނަށް ހުއްދަވެސް ދޫކޮށްފައެވެ.
އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ކުރިއަށްއޮތް ތަނުގައި ބަލިމަޑުކަން އިތުރަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ސިއްހީ ހިދުމަތްތެރިންވަނީ ދީފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 15 ގައުމެއްގެ ލީޑަރުންނާ މޯދީ ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ޖަރުމަނު ޗާންސެލާ އެންހެލާ މާކެލް، ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ބްރެޒީލްގެ ރައީސް ޖައީރު ބޮލްސޮނާރޯ، ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫތިން، އަބޫދާބީގެ ވަލީއަހުދު ޝައިހް މުޙައްމަދު ބިން ޒައީދު އަލް ނަހުޔާން، ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަދި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ފާހަގަކުރެވެއެވެ.
ފާއިތުވީ ހަފުތާތަކުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި މޯދީއާއި ދެމެދު ދެފަހަރެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.
ހައިޑްރޮކްސީކްލޯރޯކުއީން ހޯދުމަށް އެމެރިކާއިން ހުށަހަޅާފައިވާކަން އިންޑިއާއިން ކަށަވަރުކޮށްދޭއިރު، ޓްރަމްޕް ވަނީ އިންޑިއާއަށް ދީފައިވާ އޯޑަރު ރިލީޒްކުރުމަށް އެދޭކަމަށް ވިދާޅުވެފައެވެ. ޓްރަމްޕަކީ ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި ހައިޑްރޮކްސީކްލޯރޯކުއީން ޕްރޮމޯޓްކުރައްވަމުން ގެންދަވާ ލީޑަރެކެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ ފަރުވާކަމަށް އިއްތިފާގުވުމަށް ސިއްހީ މާހިރުންނާ ތަޖުރިބާކާރުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.