ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އަވަށްޓެރި އިންޑިއާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4067 އަށް އަރާފައިވާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތައް ދައްކާ ގޮތުން މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 109 އަށް އަރާފައެވެ.

އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް އަދި ފިލްމް ސިޓީ މުމްބާއީގައި އޮންނަ އިންތިހާއަށް ފަގީރު އަވަށަކުން ކޮވިޑް-19ގެ ކޭހެއް ހުސްވި ހަފުތާގައި ފެނިފައިވާއިރު، އެގައުމުގައި ނުރައްކާ ދަރަޖައަކަށް ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އިންޑިއާގެ ޑޮކްޓަރުން ވަނީ ދެއްވާފައެވެ.

އިންޑިއާއިން މިހާރުވެސް ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް 21 ދުވަހުގެ ލޮކްޑައުން އަމުރެއް ތަންފީޒުކުރަމުންނެވެ. ހާލަތު ނިއުޅެމުންދާ ގޮތަށް ރިއާޔަތްކޮށް، މި މުއްދަތު އިތުރުކުރުމުގެ ފިކުރެއްވެސް އިންޑިއާއިން ގެންގުޅޭ ކަމަށް ޚަބަރު ލިބެއެވެ.