ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލާދީގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި ކަމަށޤ ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް ގައިގަ އެރަށު ދެ މީހަކުވެގެން ތަޅާ މާރާމަރީ ހިންގާފައިވާ މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މާރާމަރީ ގައި ބިދޭސީ މީހާގެ ނޭފަތްމަތި ފަޅައިގެން ގޮސް ދުޅަވެފައިވާ ކަމަށާއި، އަދި ވާތު ލޯކައިރި ފަޅައިގެން ގޮސްފައިވުމާއެކު މުޅި މޫނުމަތި އެއްކޮށް ދުޅަވެފައިވާ ކަމަށެވެ. މި މާރާމަރީގައި އަނިޔާ ލިބިފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް މީހަކަށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސް ތަކަކަށް އޭނާ ފެންދޭން ހުއްޓާ، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، އެތަނުން އެއް ބިދޭސީއަކު އެމީހާއާއި ދިމާލަށް އޭނާ ގަސްތަކަށް ފެން ޖަހާއިރު އެތަކެއްޗަށް ފެން އަންނަ ވާހަކަ ބުނުމުން އެކަމާއި ހިތް ހަމަ ނުޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު އިންނަމާދޫ ކޯޓަށް ގެންދިއުމުން އެދެމީހުން ވަނީ ކޯޓުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެދެމީހުން ކޯޓުން ދޫކޮށްލާފައި ވަނީ އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާގެ ފޮޓޯ، ރިޕޯޓާއި އަދި ޑޮކްޓަރުގެ ލިޔުމާއި މަންޒަރު ދުއް ފަރާތުގެ ބަޔާންވެސް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
ކީއްވެ ދޫކޮއްލަންވީ ބޮޑު ސާހީން އާއި މުއާޒް އަދި ސިރާޖް ހައްޔަރުކުރޭ ހައްގު އަދަބު ދީ