އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޕްރައިވެޓް ސެކްޓަރު ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަވަސްކޮށް، އެ ޗުއްޓީގައި އަމިއްލަ ވަޒަނަށް ދެވޭނެ އިންތިޒާމު، ޔޫއޭއީއިން ހަމަޖައްސާދީފިއެވެ.

މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ނަމަވެސް، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މައްސަލައަށްވެސް މިކަމުން ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓާލާފައިވާއިރު، މިވަގުތާ ދިމާކޮށް އަހަރީ ޗުއްޓީ ހަމަޖައްސާދިނުމަށް ޔޫއޭއީގެ ހިއުމަން ރިސޯސަސް ވުޒާރާއިންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އެގައުމުގެ ހާރިޖިއްޔާއާއި ސިވިލް އޭވިއޭޝަން ފަދަ ބޮޑެތި ވުޒާރާތައް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި ދުވަސްވަރަކީ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ފައިދާ އިންތިހާއަށް ދަށަށް ގޮސްފައިވާ ދަނޑިވަޅަކަށް ވާއިރު، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިހެން އާންމުވަމުން އަންނަ ބޮޑު މައްސަލައެކެވެ. ނަމަވެސް ޔޫއޭއީގެ ހިއުމަން ރިސޯސަސް ވުޒާރާއިން ފަށާފައިވާ މިފަދަ މަޝްރޫއުތަކުގެ މަސައްކަތްތެރިންނާ ވަޒީފާ ދޭ ފަރާތުގެ ހައްގުތައް ސަލާމަތްވެ، ބަލުމަޑުކަމުން އަރައިގަނެ މަސައްކަތް ފެށިގެންދާ ހިނދު، އިންސަނީ ވަސީލަތް ލިބުމުގެ ދަތިކަމުންވެސް އަރައިގަނެވޭނެއެވެ.