ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް މަންޒިލް ކަމަށްވާ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ދުވަހު ނޫސްތައް މެދުވެރިކުރައްވާ ވިލާތުގެ އިއްތިހާދު (އީޔޫ)އަށް ގޮންޖައްސަވައިފިއެވެ.

ވިލާތުގެ އެކި ގައުމުތަކުގައި ޝާއިއުކުރަމުންދާ ވަރުގަދަ 10 ނޫހަކަށް ލިޔުއްވަމުން ސަންޗޭޒް ވިދާޅުވީ، މިއީ މި ގޮންޖެހުމާ ދެކޮޅަށް ތެދުވަންވީ ވަގުތު ކަމަށާ، ނޫންނަމަ ދެން ފެންނާނީ އިއްތިހާދެއްގެ ގޮތުގައި އީޔޫ ފެއިލްވެގެންދާ މަންޒަރު ކަމަށެވެ.

މިމޭރުމުން ލިޔުން ކުރިއަށް ގެންދަވަމުން ސަންޗޭޒް ވިދާޅުވީ، މިވަގުތަކީ ސްޕެއިންވެސް ހިމެނޭ ގޮތަށް ވިލާތުގެ އިއްތިހާދުގެ ހުރިހާ ގައުމަކުން ނަތީޖާ ފެންނަނިވި އެއްބާރުލުމެއް ދޭންވީ ހަތަރު އަނގޮޅިއަށް އާދެވިފައިވާ ނާޒުކު ވަގުތެއް ކަމަށެވެ.

ސަންޗޭޒް މިފަދަ ރޫހެއްގައި ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކަށް ގޮންޖައްސަވާފައި މިވަނީ، ކޮވިޑް-19އާއެކު ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ މައްސަލަތަކަށް ހައްލު ހޯދުމަށް، މި ބަލިމަޑުކަން ނިމުމުން މާލީ އެއްބާރުލުން ދިނުމަށް ކުރަމުންދާ މަޝްވަރާތަކަށް ބައެއް ގައުމުތަކުން ދެބަސްވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 ސިފަކުރައްވަމުން ސަންޗޭޒް ވިދާޅުވީ އެއީ ވިލާތުގެ މަޝްރޫއު އިމްތިހާނު ކުރުމަށް އައިސްފައިވާ ލޮލަށް ނުފެންނަ ދުޝްމަނެއް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސްޕެއިންގައި މޯޗަރީއަކަށް ބަދަލުކޮށްފައިވާ އައިސް ރިންކްއެއްގެ ކައިރީގައި ޖަނާޒާތަކަށް ގަބުރު އުފުލަން އެއްގަމު އުޅަނދު ޖަމާކޮށްފަ/ފޮޓޯ: ގެޓީ އިމޭޖަޒް

އެއްބާރުލުން ނުދީ އެއްބައެއްވަންތަކަން ދެމި ނޯންނާނެ ކަމަށާ، އެއްބައެއްވަންތަކަން ނެތިއްޖެނަމަ އެކަހެރިކަން އިސްވެ، ސައްހަކަން ގެއްލި، ވިލާތުގެ މަޝްރޫއު ވަރަށް ބޮޑަށް ހަލާކުވެގެންދާނެ ކަމަށްވެސް ސްޕެއިންގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ވިލާތުގެ މަރުކަޒީ ބޭންކަށް ފާޑުވިދާޅުވަމުން ސަންޗޭޒް ވިދާޅުވީ، މިވަގުތު އެކުލަވާލާފައިވާ ބޮންޑް ގަތުމުގެ ސިޔާސަތަކުން އެކަނި ފަރުޖެހެން ނެތްކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ސަރަހައްދަކީވެސް ވިލާތު ބައްރެވެ. އިޓަލީވިލާތާ ސްޕެއިން ބަލިޖެހިފައިވާ މީހުންގެ އަދަދު ލައްކަކައަށްވުރެ މައްޗަށް ވަނީ އަރާފައެވެ.