8.9 ޓަނުގެ ކެއާޕެކޭޖާއެކު މޯލްޑިވިއަންގެ ކާގޯ ފްލައިޓު ސްރީލަންކާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ، ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓު މިހާރު އޮތީ 12.8 ޓަނުގެ ކާގޯ މުދަލާއެކު ފުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އޭގެ ތެރޭގައި 8.9 ޓަނުގެ މުދަލަކީ، ލަންކާގައި ތިބި އާއިލީ މީހުންނަށް ދިވެހިން ފޮނުވާ ކެއާ ޕެކޭޖުތައް ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

ކޮންމެ އާދިއްތަ ދުވަހަކު އޮންނަ މި ކާގޯ ފްލައިޓުން ލަންކާއަށް ކެއާ ޕެކޭޖެއް ފޮނުވަން ބޭނުންވާ ފަރާތްތަކުން، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެދުނު 9:00 އިން މެންދުރު 1:00 އާ ދެމެދުގެ އެ ޕެކޭޖް ގްރޭޓާ މާލެ ބަސް ޓާމިނަލް ސަރަހައްދަށް ގެންދިއުމުން ފޮނުވޭނެއެވެ.

ކެއާޕެކޭޖުތަކާއެކު މޯލްޑިވިއަން ކާގޯ ފްލައިޓު ލަންކާއަށް / ފޮޓޯ: މޯލްޑިވިއަން

ކާގޯގެ ގޮތުގައި ކެއާ ޕެކޭޖު ފޮނުވޭނީ ވަކި އަދަދެއް ކަމުން، ކެއާ ޕެކޭޖުތައް ފޮނުވަން ހަމަޖެހިފައި ވަނީ ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދީގެންނެވެ. އަދި ފޯމުގައިވާ މައުލޫމާތަށް ބިނާކޮށް ތަކެތި ލޭބަކް ކުރާއިރު، ލަންކާގެ ހައި ކޮމިޝަނުން މި ތަކެއްޗާއި ހަވަލުވެ، ލިބެންވީ ފަރާތަށް ރައްދުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކެއާ ޕެކޭޖު ފޮނުވުމާބެހޭ އުސޫލު:

  • ކާގޯގެ ގޮތުގައި ފޮނުވެނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި
  • ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި
  • ކާގޯގެ ގޮތުގައި، ބޭސް (ބޭސްސިޓީއާއެކު)، މަސްދަޅު ކޭސް، ނޫޑްލިސް ކޭސް، މަސް/ފަތް ޕެކެޓު ( ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ތަކެތި އަދި ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • ފައިސާ، ރޯމަސް، ކޭކު، ހެދިކާ، މޭވާ އަދި ތަރުކާރީ ކާގޯގެ ގޮތުގައި ނުފޮނުވޭނެ

ފޮރިން މިނިސްޓްރީން ބުނީ، މިކަމުގައި ހުށަހަޅަންޖެހޭ ފޯމު، ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފުރިހަމަކޮށް، އޮންލައިންކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ތަކެތި ގެންނަންވާނީ މޯލްޑިވްސް ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށްފަހު ޕެކްކޮށްފައިވާ ފޮށިގަނޑެއްގައި އެޕްރޫވް ފޯމާއެކު ކަމަށެވެ.