ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ 5-ޖީ ޓެކްނޮލޮޖީގެ ޒަރިއްޔާއިންވެސް ފަތުރާ ބައްޔެއް ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ދައުރުކުރަމުންދާ ޚަބަރުތަކަކީ އެއްވެސް ބުރަދަނެއް ނެތް ބޭކާރު ވާހަކަތަކެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

5-ޖީ ޕްލެޓްފޯމަކީ ކޮވިޑް-19 ފަތުރާ ޕްލެޓްފޯމެއް ކަމަށް ބުނާ ޕޯސްޓްތައް، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި ދައުރުވަމުންދާއިރު، އެތައް ސަތޭކަ ބަޔަކު ފޮލޯކުރަމުންދާ ވެރިފައިޑް އެކައުންޓްތަކުންވެސް މި ޕޯސްޓްތައް ހިއްސާކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު ސައިންސްވެރިން ބުނަމުންދަނީ، ކޮވިޑް-19އަކީ 5-ޖީ ޕްލެޓްފޯމުން ފެތުރެމުންދާ ބައްޔެއް ކަމަށް ގުޅުވުމަކީ، އެއްވެސް ވަރަށް ތާކުން ތާކުޖެހޭ ކަމެއް ނޫންކަމަށާ، ބައޮލޮޖީގެ ނަޒަރުން ބަލާއިރުވެސް އެއީ ވާނެ ކަމެއް ނޫންކަމަށެވެ.

5-ޖީ ޕްލެޓްފޯމްއާއި ކޮވިޑް-19އާ ގުޅުވައިގެން ފަތުރަމުންދާ މި ޚަބަރަކީ ދޮގު ޚަބަރުގެ އެންމެ ނުބައި ޚަބަރުތައް ކަމަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސަސް ގެ އިންގްލަންޑް މެޑިކަލް ޑައިރެކްޓާ ސްޓީވަން ޕަވީޒް ވަނީ ސިފަކުރައްވާފައެވެ.

ކޮވިޑް-19އާ 5-ޖީ ނެޓްވާކް ގުޅުވައިގެން ދައްކަމުންދާ ދޮގު ޚަބަރުތައް ފެތެނީ މައިގަނޑޫ 2 ގިންތިއަކަށެވެ. ފުރަތަމަ ގިންތީގައި ބުނަނަނީ 5-ޖީ ނެޓްވާކްއަކީ އިންސާނުންގެ ދިފާއި ނިޒާމު ބަލިކޮށްލާ ނެޓްވާކްއެއް ކަމަށާ، އެކަމުގެ ސަބަބުން، ބަލިޖެހުމަށް އިތުރަށް މަގުފަހިވާ ކަމަށެވެ. ދެވަނަ ގިންތީގައި ބުނަނަނީ 5-ޖީ ޓެކްނޮލޮޖީގެ ތެރެއިން ކޮންމެވެސް ގޮތަކުން އިންސާނާގެ ހަށިގަނޑަށް ވައިރަސް ފޯރާ ކަމަށެވެ.

5-ޖީ މާކެޓަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ ސަޕްލައިކުރަމުންދާ ޗައިނާގެ ވާވޭ ކުންފުނި ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ޔުނިވާސިޓީ އޮފް ރެޑިންގްގެ އެސޯސިއޭޓް ޕްރޮފެސާ އިން ސެލިއުލާ މައިކްރޮބައޮލޮޖީ ޑރ ސިމޯން ކްލާކް ވިދާޅުވީ، މިއީ އެއްވެސް ބުރަދަނެއް ނެތް "ކުނި" ވާހަކަތަކެއް ކަމަށެވެ. 5-ޖީ އާއި ދިފާއީ ނިޒާމާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ ކްލާކް ވިދާޅުވީ، ދިފާއީ ނިޒާމު ބަލިކޮށްލާ އެތައް ކަމެއް ހުންނަ ކަމަށާ، އާދަޔާ ހިލާފަށް ވަރުބަލިވުމުންވެސް ދިފާއީ ނިޒާމު ބަލިކަށިވާކަމަށާ، އެކަށީގެންވާ ޑައެޓެއް ނެތި ކައިބޮއި ހެދުމަކީވެސް ދިފާއީ ނިޒާމު ބަލިކޮށްލާ ކަމެއް ކަމަށެވެ. އަދި 5-ޖީ ޓެކްނޮލޮޖީގައި ބޭނުންކުރާ ރޭޑިއޯ ވޭވްއަކީ ދިފާއީ ނިޒާމަށް އަސަރު ކުރުވާހާ ބާރުގަދަ ވޭވްއެއް ނޫންކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ޔުނިވާސިޓީ އޮފް ބްރިސްޓަލްގެ ޕީޑިއަޓްރިކްސް ޕްރެފެސަރެއް ކަމަށްވާ އެޑަމް ފިން ވިދާޅުވީ، 5ޖީ ޓެކްނޮލޮޖީގެ ތެރެއިން އިންސާނެއްގެ ހަށިގަނޑަށް ވައިރަސް ނުފޯރާނެ ކަމަށެވެ. މޯބައިލް ފޯނުތައް އޮޕަރޭޓްކުރަން ބޭނުންކުރާ އިލެކްޓްރޯމެގްނެޓިކް ވޭވްއާއި ވައިރަސްއަކީ މުޅިން ތަފާތު ގޮތަކަށް މަސައްކަތްކުރާ، 2 އެއްޗެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ، 5-ޖީ ޓެކްނޮލޮޖީގެ ޚިދުމަތް ދޭން ނުފަށާ ގައުމުތަކުގައިވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ ކަމެވެ.

ކޮވިޑް-19އާ 5-ޖީ ޓެކްނޮލޮޖީ ގުޅުވައިގެން އެންމެ ފުރަތަމަ އަޑުތައް ފަތުރަން ފެށި މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. އެއީ ޗައިނާގެ 5-ޖީ ޓެކްނޮލޮޖީއަށް ހަސަދަވެރިވެ، އިންތިހާއަށް ފާރަވެރިވަމުންދާ އެމެރިކާއިން ބަލީގެ އާލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށި ދުވަސްވަރުވެސްމެއެވެ.

ކޮވިޑް-19އާ ގުޅިގެން ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަކީ ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށްވެސް މިއަދު އަދާކުރަންޖެހިފައި އޮތް ވާޖިބެކެވެ. އަތުގައި އޮންނަ ޑިވައިސްއަކަށް އަންނަހާ މެސެޖަކީ އޭގައި ރަސްމީ ސިއްކަތަކެއް ޖަހާފައި ހުއްޓެއް ކަމަކު ހަގީގަތަކަށް ނުވެދާނެއެވެ.