ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އަވަށްޓެރި އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 3588 އަށް އަރައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އިއްޔެ އެކަނިވެސް އެގައުމުން 529 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 3260 މީހަކަށް ފަރުވާ ދެމުންދާއިރު އެއްވެސް މީހެއްގެ ހާލު ކްރިޓިކަލް/ސީރިއަސް ކަމަށް ރެކޯޑްކޮށްފައެއް ނެތެވެ. މިހާތަނަށް ބަލިޖެހުނު މީހުންނަށް ބަލާއިރު 229 މީހަކު ވަނީ ފަރުވާ ހޯދައިގެން ބަލިން ރަނގަޅުވެފައެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައި.ސީ.އެމް.އާރް)ގެ ރެކޯޑްތަކަށް ބަލާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 100 އަށް އަރަނީއެވެ. ލިބިފައިވާ އާންމު ރެކޯޑްތަކަށް ބަލާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 99 އަށް އަރާފައެވެ.

އައި.ސީ.އެމް.އާރްއިން މިހާރު ދަނީ، ކޮވިޑް-19ގެ ހޮޓްސްޕޮޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން ބަލި ފެތުރެމުންދޭތޯ ބެލުމަށް، އާ ޕްރޮޓޮކޯލްއަކަށް އަމަލުކުރަން ފަށާފައެވެ. އެގޮތުން، އެންޓިބޮޑީއަށް ބަލައިގެން ކޮވިޑް-19އަށް ކަށަވަރު ކުރުމަށް ލޭގެ ޓެސްޓުތައް ހެދުމަށް ސިއްހީ ހިދުމަތްތެރިންނަށް އައި.ސީ.އެމް.އާރް.އިންވަނީ އިރުޝާދު ދީފައެވެ.