އިއްޔެ އެކަނިވެސް އެމެރިކާއިން 1331 މީހަކު ކޮވިޑް-19ގައި މަރުވެފައި ވާކަމަށާ، މީގެ ތެރެއިން 630 ކޭހަކީ ނިއުޔޯކްއިން ރިޕޯޓްކުރި ކޭސްތައް ކަމަށް ތަފާސް ހިސާބުތަކުން ދައިފިއެވެ.

އިއްޔެ ރިޕޯޓްކުރި މަރުގެ ކޭސްތަކާއެކު، ކޮރޯނާވައިރަސް ޑިޒީޒްގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ އަދަދު މިވަނީ 8452 އަށް އަރާފައެވެ. މީގެ ތެރެއިން 3565 ކޭހަކީ ނިއުޔޯކްއިން ރިޕޯޓްކުރި ކޭސްތަކެއްކަން ފާހަގަކުރަންޖެހެއެވެ.

އަދުގެ ހާލަތަށް ބަލާއިރު، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 311357 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 288080 މީހަކަށް ފަރުވާ ދެމުން ދާއިރު 8206 މީހަކު އޮތީ ކުރިޓިކަލް/ސީރިއަސް ހާލެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯވަނީ، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އޭގެ އެންމެ އިންތިހާއަށް އިތުރުވެގެންދާނީ ކުރިއަށް އޮތް 4-14 ދުވަހާ ދެމެދު މުއްދަތެއްގައި ކަމުގެ އިންޒާރު ދެއްވާފައެވެ.

ވެންޓިލޭޓަރުގެ ސަޕްލައި އިންތިހާއަށް ދަށްވެފައިވަނިކޮށް ޗައިނާއިން 1000 ވެންޓިލޭޓަރު ފޮނުވާދީފައިވާކަން ފާހަގަކުރައްވަމުން، ގަވަރުނަރު ކޫމޯ ވަނީ ޗައިނާއަށް ޝުކުރު އަދާކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ނިއުޔޯކްއަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވެމުން ދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިވަގުތު ސަޕްލައި ފޯރުކޮށްދެމުން ދާނީ އެންމެ ބޮޑަށް އަސަރު ކުރަމުންދާ ސަރަހައްދުތަކަށް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ހަފުތާއަކީ ދަތި، އުނދަގޫ ހަފުތާއަކަށް ވެގެން ދާނެ ކަމަށާ، އެއީ ގިނަ އަދަދެއްގެ މަރުތަކަކާ އެމެރިކާގެ ރައްޔިތުން ކުރިމަތިލާން ޖެހިދާނެ ހަފުތާއަކަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އިޖުތިމާއީ ގައިދުރުކަމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު ބޭނުންކުރުމަށް އެމެރިކާގެ ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެމުން ދާއިރު، ގައުމުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ މާސްކެއްގައި ފެނުމަކީ އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫންކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ފޭސް މާސްކު ބޭނުންނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ޓްރަމްޕް އަމަލުކުރައްވަމުން ގެންދަވާ ގޮތުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެމެރިކާއަށް އަމާޒުވެފައެވެ. އެމެރިކާގެ ސިއްހީ ހިދުމަތްތެރިންވެސް ދަނީ އެމެރިކާ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ފާޑުކިއުންތައް އަމާޒުކޮށް، ނުރުހުން ފާޅުކުރަމުންނެވެ.