މިއީ ކާރިސާއަކާ ކުރިމަތިލާންޖެހޭ ކޮންމެ ވަގުތަކު އާންމުންގެ މެދުގައި އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއް މައުލޫއެވެ. ބޭބީ ބޫމްއެއް ނުވަތަ އާދަޔާ ހިލާފަށް ކުދިން އުފަންވާ މޫސުމަކާ 9 މަސްފަހުން ލައިގަންނާނެ ވާހަކައަކީ ކޮވިޑް-19ގެ ލޮކްޑައުންއާ ގުޅިގެން އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައެވެ. މިއީ މީގެ ކުރިން ޓްރެންޑްވި ނުވަތަ ވައިގައި ހިފި މައުލޫއެއް ނަމަވެސް، ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިފަހަރު މިއީ ހަގީގަތަކަށް ވުން ދުރު ކަމެކެވެ.

މި ތަޖުރިބާކާރުންގެ ވާހަކަ މައިގަނޑު ގޮތެއްގައި ބައްޓަންކޮށްފައި އޮތީ އެމެރިކާގެ ހާލަތަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ނުރައްކާވެ، އެތައް ބަޔަކު ގޭބަންދުވެފައި މިދުވަސްވަރާ ވިދިގެން 9 މަސް ފަހުން ބޭބީ ބޫމްއެއް އައުމުގެ ބަދަލުގައި، އެމެރިކާއިން ފެންނާނީ އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދާ ތަން ކަމަށްވެސް އެފަރާތްތަކުން ވަކާލާތު ކުރެއެވެ.

ޔުނިވާސިޓި އޮފް ނިއު ހެމްޝަޔާގެ ސޯސިއޯލޮޖީ ޕްރޮފެސަރެއް ކަމަށްވާ ކިނެތް ޖޯންސަން ވިދާޅުވާ ގޮތުގައި، ކޮވިޑް-19އާ ގުޅިގެން އަލަށް އުފަންވާ ކުދިންގެ އަދަދު އިތުރުވާނެ އެއްވެސް ގޮތެއް ނެތެވެ. އެހެނީ، މިއީ މިދުނިޔެއަށް ކުއްޖަކު އުފަން ކުރުމަށް އެއްވެސް ދެމީހަކު ވިސްނާނެ ވަގުތަކަށް ނުވުން ގާތްވުމުން ކަމަށްވެސް އޭނާ ވަކާލާތު ކުރައްވައެވެ.

ކޮވިޑް-19 ބަލިމަޑުކަން އެމެރިކާއަށް ކުރިމަތިވުމުގެ ކުރިންވެސް އަލަށް އުފަންވާ ކުދިންގެ އަދަދު މަދުވުމާ، މަރުވާ މީހުންގެ އަދަދު އިތުރުވުމާ، އެގައުމަށް ހިޖުރަކުރާ މީހުންގެ އަދަދު ދަށްވުމުގެ ސަބަބުން އާބާދީ އިތުރުވުމުގައި އެމެރިކާއިން ހީނަރުކަމެއް އޮތީ ފާހަގަވެފައެވެ. ކޮވިޑް-19އާއިއެކު މިކަމަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް މިވަނީ ލަފާކުރެވިފައެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

ބޭބީ ބޫމްއެއް އަންނާނެ ކަމަށް ނުބެލެވެނީ ކީއްވެ؟

މިޒަމާނުގައި ދަރިއަކު އުފަންވުމުން އެ ދަރިފުޅު ހެޔޮ ގޮތުގައި ބަލާ ބޮޑުކޮށް ތަރުބިއްޔަތު ގުޅިފައިވަނީ މާލީ ކެރިފޯރުންތެރިކަމާކަން ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. މާލީ ގޮތުން ކިރިޔާވެސް ފުދުންތެރިކަމެއް ނެތް ނަމަ ނުވަތަ އެފަދަ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭއިރު، އިތުރު އިންސާނަކު މި ދުނިޔެއަށް އުފަންކުރަން މަސައްކަތްކުރާނެ މީހަކު މަދުވާނެއެވެ.

ވަކި ކޭހަކަށް ބަލާއިރު، ފަހުގެ ތާރީހު ދުށް މަލީ ހީނަރުކަމުގެ ދުވަސްވަރަށް ނަޒަރު ހިންގާލާށެވެ. އެއީ 2007 ވަނަ އަހަރުގެ ފަހުކޮޅެވެ. ޖޯންސަން ވިދާޅުވާ ގޮތުގައި، މީހުން ބަލިވެއިން ނިސްބަތް އިންތިހާއަށް ދަށަށް ދިޔައެވެ. އެއީ އާދަޔާ ހިލާފު ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އިގުތިސޯދީ ގޮންޖެހުންތަކާ ތަކުލީފުތައް ކުރިމަތިވެފައި އޮތުމެވެ.

ޖޯންސަން ވިދާޅުވާ ގޮތުގައި އެދުވަސްވަރުން ފެށިގެން އެމެރިކާގައި އަލަށް އުފަންވާ ކުދިންގެ ނިސްބަތް މައްޗަށް ހިފާފައި ނުވާ ކަމީ ހައިރާން ކުރުވަނިވި ކަމެކެވެ. މިފަދަ ހާލެއްގައި އޮއްވާ ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ، އެކަމާ އެކު ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅުގައި އަލަށް އުފަންވާ ކުދިންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވުން ދުރު ކަމަށް، އާބާދީއާ ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްގެ ޑިޕާޓްމަންޓް އޮފް ޑެމޯގްރަފީގެ ޕްރޮފެސަރެއް ކަމަށްވާ ރޮހީލިއޯ ސާއެންޒް ވިދާޅުވީ، ކޮވިޑް-19އަކީ މޫސުމީ ތޫފާނެއް ފަދަ ކަމަކުން ކުރިމަތިވެގެން އުޅޭ ފަދަ ކާރިސާއެއް ނޫންކަމަށެވެ.

"އެއީ ކުރު މުއްދަތު ކަންކަން. ނަމަވެސް މިއީ ދިގުލައިގެން ދާނެ ކަމެއް. އިގުތިސޯދީ ތަކުލީފުތައްވެސް އެބައޮތް... އިގުތިސޯދީ ކަށަވަރުކަމާ، ދަރިމައިވުމާ ގުޅުމެއް އޮވޭ. ބެލެވޭ ގޮތުގައި މިފަހަރުވެސް، އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދާނީ ދަށަށް" ޕްރޮފެސާ ރޮހީލިއޯ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެމެރިކާއަށް އުފަންވީ 3.79 މިލިއަން ކުދިންނެވެ. މިއީ 1986 ވަނަ އަހަރަށް ފަހު، މިއަދަދު އެންމެ ދަށުން ރެކޯޑްކުރެވުނު އަހަރުވެސްމެއެވެ. އެމެރިކާއަށް އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދާއިރު، މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.